11.17.2011

ދިރިއުޅުން ބަދަލުކޮށްލި ރޭޑިޔޯ.......

އަލްއުޚްތު އުންމު ޒިވާ
އެއީ މީގެ 2 އަހަރު ކުރިއެވެ. އަހަރެންނަކީ ސިޔާސީ ކަންކަމަށް ފޯރި ހުންނަ މީހަކީމެވެ. އޮފީހުގައި އިންނަ އިރު ވެސް އިންނަނީ އަބަދުވެސް ރޭޑިޔޯ އިން ނަމަވެސް ކޮންމެ ވެސް ސިޔާސީ ޕްރޮގްރާމެއް އަޑު އަހާށެވެ. ހިތަށް ހިތްހަމަޖެހުން ލިބެނީ ސިޔާސީ މީހަކު ދައްކާ ކޮންމެވެސް މޮޅު ވާހަކައެއް އަޑުއަހާލުމުންނެވެ. އެންމެ ފޯރިއާއެކު އަޑުއަހަނީ ރައްޔިތުންގެ މަޖިލިސްގެ ވާހަކަތަކެވެ. ދީނުގެ ތަނބު ކަމުގައިވާ ނަމާދުކުރުމާއި އެހެން ވެސް އަޅުކަންތަކަށް ވުރެ އިސްކަން ދެވެނީ އެފަދަ ކަންކަމަށެވެ. އެފަދަ ސިޔާސީ ޕްރޮގްރާމެއް ނާންނަ ގަޑިތަކުގައި މުޅި ސެކްޝަނުގެ ހުރިހާ އެންމެންނަށް އަޑު އިވޭ ވަރަށް ލަވަ ޖެހުމަކީ އެންމެ ކުރާހިތްވާ އަނެއް ކަމެވެ. އެންމެ ރީތި ލަވަތަކުގެ ކަލެކްޝަނަށް ލަވަ އެއްކުރުމަކީ އަމުދުން މާ ކުރާ ހިތްވާ ކަމެކެވެ.

މި ގޮތުން އޮފީހުގައި އިންނަ ވަގުތުތަކުގައި ރައްޔިތުންގެ މަޖިލީހުގެ އަޑު އަހަން ޖެހެނީ ރޭޑިއޯއިން ކަމަށް ވާތީ، "ރޭޑިއޯ އެޓޯލް" ހެނދުނު ހެނދުނާ އަޅުވަމެވެ. އަދި ހަމަ އެހެންމެ މަޖިލިސް އަންނަ ގަޑި ޖެހެން ވާއިރަށް ސައި ބޮއެ ތައްޔާރުވަމެވެ. ކޮންމެއަކަސް މި ގޮތަށް ކަންތައް ހިނގަމުންދެއެވެ. މަޖިލީސް ފޮނުވާ އިރު އަންނަ ބްރޭކް ގަޑީގައި ވެސް ރޭޑިޔޯ ނިއްވާ ނުލަމެވެ. އެހެނީ މަޖިލިސް ފެށެން ވާއިރަށް ހަނދާން ނެތިގެން ވެސް ނުޖެއްސިދާނެތީއެވެ. މި ގޮތުން ބްރޭކް ގަޑީގައި ފާޑު ފާޑުގެ ދީނީ ސްޕޮޓްކޮޅާއި މަދަހަ ފަދަ ތަކެތި އާދެއެވެ.

މި އެއްޗެއްސަކީ އަޑުއަހަން އެހާ ބޭނުންވާ ޒާތުގެ އެއްޗެހި ނޫން ކަމުގައި ވިޔަސް، މަޖިލިސް އަޑުއެހުމަށް ހުންނަ ޝައުޤެއްގެ ބޮޑު ކަމުން އަޑުއަހަން މަޖުބޫރުވީއެވެ. އެންމެ ކުރީކޮޅު އަޑުއަހަން ފޫހިވި ނަމަވެސް މަޑުމަޑުން އެ ތަކެތި އަޑުއަހާ ހިތްވާން ފެށިއެވެ. ސްޕޮޓްކޮޅުތަކުގެ ތެރޭގައި ތަފާތު އެކި އެކި މައުޟޫޢުތަކާ ގުޅޭ ގޮތުން ޢިލްމުވެރިން ދެއްވާ ފަތުވާގެ އަޑު އިވެއެވެ. އެ ގޮތުން ނަމާދާއި، ރިބާއާއި، އައުރައާއި، މިއުޒިކާއި މިހެން ގޮސް ދީނުގެ އެތައް އެތައް މައުޟޫޢުތަކާ ގުޅޭ ގޮތުން މަޢުލޫމާތު އާދެއެވެ.

މަޑުމަޑުން އެ އިވޭ މަޢުލޫމާތުގެ ސަބަބުން ހިތަށް ބިރުވެރިކަން ވަންނަން ފަށައިފިއެވެ. ނަމާދު ނުކުރާ މީހުންނަށް ހުރި ވޭންދެނިވި ޢަޛާބުގެ ވާހަކައާއި ނަމާދަކީ ކޮންމެ މުސްލިމަކު ކޮންމެ ޙާލެއްގައި ވެސް ކުރަން ޖެހޭ އެއްޗެއް ކަމާއި މިއުޒިކް އަޑު އެހުމުގެ ޙުކުމް ފަދަ ވާހަކަތައް އިވެން ފެށުމުން އަމިއްލަ ހިތުގައިވާ އީމާންތެރިކަމާ މެދު ޝައްކު އުފެދެން ފަށައިފިއެވެ. އަމިއްލައަށް އުޅެވޭ ގޮތާ ދޭތެރޭ ވިސްނެން ފަށައިފިއެވެ. ދުނިޔެއަށް ފޮނުއްވި މަޤްޞަދާ ދޭތެރޭ ފިކުރު ކުރެވެން ފަށައިފިއެވެ. މަޖާކުރުމާއި ސަކަރާތް ޖެހުމުގައި ބޭކާރު ވަގުތުތަކެއް ހޭދަކުރެވޭކަން އިހްސާސްވާން ފަށައިފިއެވެ. އަންހެނާގެ އަންހެންވަންތަ ކަމުގެ އިމުން ބޭރުގައި އުޅެވޭކަމުގެ ލަދުވެތިކަން އިޙްސާސްވާން ފަށައިފިއެވެ. ތިމާގެ އައުރަ ނިވާ ނުކޮށް ހިލޭ ފިރިހެނުންނަށް ރީތިކަން ނީލަން ކިޔެނީކަން އެނގި ހިތާމަކުރެވެން ފަށައިފިއެވެ.

މި ގޮތުގައި ދުވަސްތައް ފާއިތުވަމުން ގޮސް، 2009 ވަނަ އަހަރުގެ ރަމަޟާން މަސް ބައްދަލުވެއްޖެއެވެ. ހިތުގައި ވަރަށް ވަރުގަދަ ޢަޒުމެއް ކަނޑައަޅައިފީމެވެ. އެންމެ ނަމާދެއް ވެސް އޭގެ ފަހުގައި ދޫކޮށްނުލާ ވަގުތު ޖެހުމާއެކު އަވަހަށް ކުރުމުގެ އިޚްލާޞްތެރި ޢަޒުމެވެ. ﷲ ގެ އިރާދަފުޅާ ވާގިފުޅާއެކު އެކަން އެ ސާބިތުކަމާއެކު ގޮތުގައި މިއަދާ ހަމައަށް ވެސް ކުރެވެމުން އެބަ ދެއެވެ. މިހާރު ނަމާދު އޭގެ ވަގުތުގައި ނުކުރެވިދާނެ ކަމުގެ ބިރު ހިތުގައި އަބަދު ވެސް އޮވެއެވެ. އަދި ނަމާދު ވަގުތު ޖެހުމުން ލަސްނުކޮށް ކޮންމެ ކަމެއްގައި ހުރި ނަމަވެސް އަވަހަށް ކުރުމަކީ އުފަލެއް ކަމުގައި ވެސް ދެކެވިއްޖެއެވެ. ހުރިހާ ވެސް ހިތްހަމަޖެހުމަކާއި އުފަލެއް ލިބެނީ ﷲ ހަނދުމަ ކުރުމުން އެކަނިކަން ޔަޤީންވެއްޖެއެވެ. ފަރުޟު ނަމާދުގެ އިތުރަށް ސުންނަން ނަމާދުތައް ވެސް ކުރުމަކީ އަދި ވަކީން އުފާ ލިބޭ ކަމެއް ކަމުގައި ވެއްޖެއެވެ.

މި ގޮތުގައި ކުރިއަށް ދިޔަ ވަރަކަށް، ރޭޑިޔޯ އެޓޯލް އަޑުއެހުމަކީ ހަމައެކަނި މަޖިލިސް އަޑުއަހަން ގެންގުޅޭ ޗެނަލެއްގެ ބަދަލުގައި ގޭގައާއި އޮފީހުގައި ވެސް ޢާންމުކޮށް އަޑުއަހާ ޗެނަލަކަށް ވެއްޖެއެވެ. އެގޮތުން އަންހެނަކަށް ވީތީ ނިވާކުރަންޖެހޭ ބައިތަކެއް ހުންނަކަމުގެ ވާހަކަތައް އަޑު އިވި އިވި އެ ކަމަށް ވެސް ޙައްލެއް ގެނައުމާ ދޭތެރޭ ވިސްނަން ފަށައިފީމެވެ. އެއިރު އަހަންނަކީ ބުރުގާ އަޅައިގެން އުޅުނު މީހެއް ކަމަކު، އެ ބުރުގާއަކީ ބޮލުގައި ތަތްކޮށްފައި އޮންނަ އެއްޗެއްކެވެ. އަދި ލާ އުޅުނު ހެދުންތަކަކީ ގައިގައި ދަވާދު ލާހެން ލާފައި ހުންނަ ހެދުންތަކެކެވެ.

2009 ވަނަ އަހަރުގެ ޙައްޖު މަހުގެ ފުރަތަމަ ދުވަހާއެކު އަހަރެން ލާ ހެދުންތައް ވެސް ބަދަލުކޮށްފީމެވެ. ﷲ އެންގެވި ގޮތަށް އައުރަ ނިވާކުރުމުގެ މަތިވެރި މަޤްޞަދުގައެވެ. ދިރިއުޅުމުގެ ކޮންމެ ކަމެއް ވެސް ކުރަން ޖެހެނީ ﷲ އަށް ޓަކައި ކަން ވިސްނިފައިވާ ޙާލު، އެ ކަން ވެސް ﷲ އަށް ޓަކައި ކޮށްފީމެވެ. ކުރީން ހެދުން ލާހިތްވަނީ ހެދުން ބާރުވެފައި ކުރުވީ ވަރަކުންނެވެ. އެހެން ނަމަވެސް މިއަދު ހެދުން ބާރުވެއްޖެ ނަމަ ލާން ވެސް ނުކެރޭނެއެވެ. އަދި ހެދުން ލެވޭނެ އެންމެ ދިގުކޮށް ލުމަކީ އެންމެ ފުރިހަމަ ހެދުން ހުންނަންޖެހޭ ގޮތްކަން އެނގެއެވެ. ޖަރީކޮށްފައި ހުންނަ ފިރިހެނުންގެ އަޅައިގަންނަ ފަދަ ހެދުން އަމުދުން ލާކަށް ނުކެރެއެވެ.

ލާ ހެދުންތައް ބަދަލުވީ އެކަންޏެއް ނޫނެވެ. އަޑުއަހަމުން ދިޔަ ލަވަތަކާއި މިއުޒިކްތައް އަޑުއެހުން މުޅީންހެން ހުއްޓާލައިފީމެވެ. ޑްރާމާތަކާއި ފިލްމުތައް ބެލުން ހުއްޓާލައިފީމެވެ. އަދި ހަމަ އެހެންމެ ދީނީ އެކިއެކި ވޯރކްޝޮޕްތަކުގައި ބައިވެރިވާން ފަށައިފީމެވެ. މި ހުރިހާ ބަދަލުތަކެއް އަހަރެންނަށް އައި އިރު ވެސް، އަހަރެންގެ ފިރިމީހާއަކީ ދީނަށް ލޯބިކުރާ މީހެއް ކަމުގައި ނުވެއެވެ. ދީނުގައި އަންގަވައިފައިވާ ކަންކަމާ ދޭތެރޭ އެހާމެ ފަރުވާ ކުޑައެވެ. އޭނާއަށް ތެދުމަގު ދައްކަވާތޯ އަބަދާ އަބަދު ﷲ ގެ ޙަޟްރަތުގައި ދުޢާކުރަމެވެ. އަދި ގޭގައި ދަރުސް އަޑު އެހުމާއި، އޭނާއަށް އިވޭ ވަރަށް ރޭޑިޔޯ އެޓޯލް ޖަހާފައި ބެހެއްޓުން ފަދަ ކަންކަން ކުރަން ފަށައިފީމެވެ.

ﷲ ގެ ޙަޟްރަތުން އުންމީދު ކަނޑާނުލާ ކުރި މަސައްކަތުގެ ނަތީޖާއަކަށް ވީ ފިރިމީހާއަށް ހިދާޔަތް ދެއްކެވުމެވެ. 2010 އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ހުރިހާ ނަމާދެއް ބަރާބަރަށް ކުރަން ފަށައިފިއެވެ. ބޭރުފުށުން ވެސް އޭނާއަކީ ﷲ އާއި އެކަލާނގެ ރަސޫލާއަށް ލޯބިކުރާ މީހެއްކަން ފެންނަން ފަށައިފިއެވެ. ތުނބުޅި ބަހައްޓާ ފައިކުރި ކުރުކޮށްފިއެވެ. ނަމާދުކުރުމާއި ޤުރުއާން ކިޔެވުމާއި ސުންނަތް ރޯދަ ހިފަން ފަށައިފިއެވެ. ދެ މީހުންގެ 9 އަހަރު ވީ ޒަވާޖީ ޙަޔާތް ދުވަހަކު ވެސް އުފާވެރިނުވާހާ މިންވަރަށް އުފާވެރިވެއްޖެއެވެ.

ދެ މީހުންނަށް ލިބިފައިވާ ދެ ދަރީން ތަރުބިއްޔަތު ކުރުމުގައި ދެ މީހުންގެ ޙިއްޞާ ވެސް އެއްވަރަކަށް އޮވެއެވެ. އިއްޔެއާއި މިއަދުގެ ތަފާތު މި ވަނީ ވަރަށް ބޮޑަށް ފާހަގަކުރެވިފައެވެ. އެ ދުވަހުގެ ހިތްހަމަނުޖެހުމާއި މިއަދުގެ ހިތްހަމަޖެހުމުގެ ފަރަގު މި ދަނީ ތަޖުރިބާ ކުރަމުންނެވެ. ﷲ ގެ މަތިން ހަނދުމަކޮށް އެކަލާނގެ އެންގެވި ގޮތުގައި އުޅުމުން ލިބޭ ހިތްހަމަޖެހުމަކީ، އެހެން އެއްވެސް ކަމަކުން ލިބޭނެ އެއްޗެއް ނޫންކަން މިއަދު ކަށަވަރުވެއްޖެއެވެ. އީމާންކަމުގެ ފޮނި ރަހަ ލިބިއްޖެ ކޮންމެ މީހަކީ ކިހާ ބޮޑު ނިޢުމަތެއްގެ ވެރިއެއްކަން އެނގި ހާމަވެއްޖެއެވެ.

އޭ އެންމެހާ އަޚުންނާއި އުޚުޔުންނޭވެ. މި ދުނިޔޭގެ ވަގުތީ އުފަލާ އަރާމުގައި ޣަރަޤުވެގެން ނުދާށެވެ. މަރުވުމަށްފަހު އޮތް ޙަޔާތަކީ ދިރިއުޅުމުގެ ދާއިމީ ގޮވައްޗެވެ. އެ ގޮވަތީގެ އުފާވެރިމަކާއި ބިރުވެރިކަން ބިނާވުން އޮތީ މި ދުނިޔޭގައި ތިމާ ކުރާ ޢަމަލުތަކުގެ މައްޗަށް ބިނާވެގެންނެވެ. މިއަދު ދުނިޔޭގައި ﷲ އެންގެވި ގޮތަށް އުޅޭ އަޅުންނަށް މާދަމާ އޮތީ ސުވަރުގެއެވެ. މިއަދު ދުނިޔޭގައި ﷲ އެންގެވި ގޮތާ ޚިލާފަށް އުޅޭ މީހުންނަށް މާދަމާ އޮތީ ނަރަކައިގެ ވޭންދެނިވި ޢަޛާބެވެ. މި ދެ މަގުން އެއް މަގު ޚިޔާރުކުރުމަކީ އަހަރެންނާއި ތިބާގެ އަތްމަތީގައިވާ ކަމެކެވެ. މާތްﷲ މި އަޅާއާއި އެންމެހާ މުސްލިމު އަޚުންނާއި އުޚުތުންގެ ފާފަ ފުއްސަވާ ނަރަކައިގެ ވޭންދެނިވި ޢަޛާބުން މިންޖުކުރައްވާށި. ރޭޑިޔޯ އެޓޯލްގެ ފަރާތުން ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތުގައި ﷲ ބަރަކާތް ލައްވާށި. އާމީން.

ނިމުނީ...

ނޯޓް: މިއީ ޙަޤީޤީ ވާހަކައެއް.

ފޭސްބުކްގައި ޝެއަރ ކުރައްވާ

7 ކޮމެންޓު:

  1. v ibraiththeri...v bodu hageegatheh....life aa ves v gulhey....e ukhthaage life badhal vee fadhain efadha ehen beyfulhunge life ves efadha gothakah badhal veytho dua kuran,,,aameen

    ReplyDelete
  2. އިބްނު އާދަމްNov 17, 2011 03:48 AM

    ވަރަށް އަސަރުގަދަ ވާހަކައެއް މާޝާ ﷲ. ﷲ ލިޔުންތެރިޔާއަށް ހެޔޮ ޖަޒާ ދެއްވާށި! އާމީން. އަޅުގަނޑުމެންގެ މުޖްތަމަޢުގައިވެސް ހެޔޮކަން އެބަހުރިކަން މިލިޔުމުން އެނގިގެން އެބަދޭ. ޑިމޮކްރަސީގައި އެއްބަޔަކު ފެތިޔަސް ސަލާމަތުގެ އައްސޭރީގައި ހިތްހަމަޖެހުމާއެކު ބަޔަކު ދިރިއުޅެމުންދާކަންވެސް އެބަ އެނގޭ މިހާރު. މުޖްތަމަޢު މިދަނީ އިޞްލާޙްވަމުން. އިޞްލާޙްގެ މަސައްކަތުގައި އުޅޭ ހުރިހާ އެންމެންނަށް ﷲ ރަޙުމަތް ލައްވާ ތައުފީޤު ދެއްވާށި އާމީން

    ReplyDelete
  3. V asarugadha interesting liyumeh..Allah e ukhthaayaa e ukhthaage aailaa ah ufaaveri baajjaveri dhiri ulhumeh dhevvaa..aakhirathuge baajjaverikan dhevvaashi aameen..mee v v reethi vaahakaeh..meethi kiyaafa amilla nafsaa dheytherey visnaalan majubooruvejje....

    ReplyDelete
  4. ބަންޑާރަNov 17, 2011 05:47 AM

    ތެދެއް މިލިޔުން ކިޔާލާފަ އަމިއްލަ ނަފްސާމެދު ވިސްނާލަން މަޖްބޫރުވެއްޖެ

    ReplyDelete
  5. aharenge dhuvaaakeeves thigothugai kuriah dhiun....
    maiyy allah thibaa ah ufaa faagathi musthaqbaleh dhevvaashi....aaaaaameeeeen...
    adhi radio atoll gina ginain aduahaa, rangalhu gothugaa hurumuge azumugaa, athukuri olhaalaigen kuriah dhaashe...

    ReplyDelete
  6. v reethi liyumeh..hageegathugai ves Radio Atoll akee thiyafadha ethah akhunnaai ukhuthunnakah thedhumagu dhekkevumah Allah medhuveri kuravvaafaivaa faraatheh kan faahagakurevey..mi liyun kiyaigen ethah bayakah ethah iburatheh haasil vun ummeedhakee...

    ReplyDelete
  7. vvvv asarugadha vvv iburathun furigenvaa vaahaka eh

    ReplyDelete