5.27.2012

ދެން ކާކުބާ؟

އަލްއުޚްތު އުއްމު ޒިވާ
ހެނދުނުގެ ވަގުތެކެވެ. ކުޑަކޮށް ނިދި ޖެހިލާފައި އޮއްވާ އައީ ފޯނެކެވެ. ދިން ޚަބަރުން ދެ ލޯ މަރައިލެވުނެވެ. އޭގެ ދެތިން ހަތަރު ދުވަސް ފަހެވެ. ހަވީރުގެ ހިތްގައިމު ވަގުތެވެ. އައީ ފޯނުކޯލެކެވެ. ލިބުނު ޚަބަރުން ލޮލުން ކަރުނަ ހިލިގެން ދިޔައެވެ. އާދެ! އެ ޚަބަރަކީ ތޯއެވެ. އެ ޚަބަރަކީ އިންސާނެއްގެ ދުނިޔޭގެ ދިރިއުޅުމަށް އަލްވަދާޢު ކިޔާ، ނިމުމެއް ނެތް ޙަޔާތުގެ ގޮވައްޗަށް ދަތުރުކުރުމުގެ ފުރަތަމަ މަރުޙަލާ ފެށި ވާހަކައެވެ. އެއްވެސް އިންސާނަކު އެ ކަމަކުން އެއްކިބާ ނުވެވޭ މަރާ ބަޔަކު ކުރިމަތިލީ ވާހަކައެވެ.

ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޙައްޤު ބަސްފުޅުގައި ވާ ފަދައިން، ކޮންމެ އިންސާނަކު ވެސް މަރުގެ ރަހަ ދެކެން ޖެހޭނެއެވެ. ދުނިޔެއަށް އުފަންވި ކޮންމެ އިންސާނަކު ވެސް މި މަރާ ބައްދަލުކުރަން ޖެހެއެވެ. އެމީހަކީ ކިތަންމެ ނިކަމެތި ފަޤީރަކަސް، މުޅި ދުނިޔެ އަގުކޮށް ގަނެލެވޭ ވަރުގެ މުއްސަންޖަކަސް މި މަރާ ކުރިމަތިލާން ޖެހެއެވެ. ދުނިޔެއަށް އުފަންވި އެންމެ މާތް އިންސާނުން ކަމުގައި ވިޔަސް، ދުނިޔެ ނުދެކޭ ފަދަ ޖައްބާރު ނުލަފާ މީހުން ވެސް ހަމަ މި މަރާ ބައްދަލުކުރަން ޖެހިފައިވެއެވެ.

އަޅުގަނޑުމެން މި ދުނިޔެއަށް ފޮނުއްވާފައި މި ތިބެނީ އިމްތިޙާނެއްގެ ގޮތުންނެވެ. ﷲ އަށް އީމާންވާ އަޅުންނާ ޙަރާމްކޯރުވާ މީހުން ބެއްލެވުމަށްޓަކައެވެ. މި ދުނިޔޭގެ ޙަޔާތް ނިންމުމަށް ފަހު އެނބުރި ދާން އޮތީ ކޮންމެ އިންސާނެއްގެ ވެސް ދާއިމީ ގޮވައްޗަށެވެ. އެ ތަނަކީ ބާއްޖަވެރި ތަނެއް ކަމުގައި ހަދަން ބޭނުންނަމަ، އަޅުގަނޑުމެން ދުނިޔޭގެ ދުވަސްތައް ވޭތުކުރަން ޖެހޭނީ ﷲ ސުބުޙާނަހޫ ވަތަޢާލާއާއި އެކަލާނގެ ރަސޫލާ، މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް އެންގެވި ގޮތަށެވެ. އެ ނޫން ގޮތަކަށް ޢަމަލުކޮށްފި އިންސާނާއަށް ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ.

މިއަދު ދުނިޔޭގައި ކިތަންމެ އަގުބޮޑު ހެދުން ލައި، ކިތަންމެ އަގުބޮޑު ސެންޓު ޖަހައިގެން، ކިތަންމެ މީރުކޮށް ކައިގެން އަރާމާ އުފަލުގައި އުޅޭ މީހަކަސް، ލާނެ ހެދުމެއް ނެތް، ބޯހިޔާވަހިކަމެއް ނެތް، ކާނެ އެއްޗެއް ނުލިބޭ މީހަކަސް މަރުވީމަ ދާނީ ފަސްގަނޑު ދަށަށެވެ. ހުދު ކުލައިގެ ފޮތިގަނޑަކުން ނިވާކޮށް، އެ މީހެއްގެ އިސްކޮޅާ އެއްވަރުގެ ސަންދޯކަކަށް ލާނެއެވެ. މިއަދު ބޮޑާކަމާއެކު ދުނިޔޭގައި އުޅޭނެ ގޮތަކަށް އުޅެވިދާނެއެވެ. މާދަމާ ތިބާއަށް އޮތީ ކޮން ގޮތެއްކަން އެނގޭހެއްޔެވެ؟ ކައްވަޅުގައި ކުރެވޭނެ 3 ސުވާލާ މެދު ތިބާއަށް ތައްޔާރުކުރެވުނީ ކޮން ޖަވާބެއް ހެއްޔެވެ؟

މަރަށް ތައްޔާރު ނުވެ ތިއްބާ މަރާ ބައްދަލުކުރަން ޖެހެނީ ކިތަށް ކިތަށް މީހުންނަށް ހެއްޔެވެ؟ ދަނޑުމަތީގައި ވަރުގަދަޔަށް ކުޅެކުޅެ ހުރި މީހާއަށް މަރާ ބައްދަލުކުރަން ޖެހިދެއެވެ. ގޭގައި ނިދަން އޮންނަ މީހާއަށް މަރާ ބައްދަލުކުރަން ޖެހިދެއެވެ. ނަމާދަށް ހުއްޓާ މަރުވެދެއެވެ. ޣާފިލްކަމުގައި ނުބައި ޢަމަލެއްގެ ތެރޭގައި އުޅެނިކޮށް މަރުވެދެއެވެ. މަރަކީ އެއްވެސް އިންސާނަކަށް އެއިން ސަލާމަތް ވެވޭނެ އެއްޗެއް ނޫނެވެ. ވަޤުތު ޖެހުމުން ކަނޑުގައި އޮތަސް ދަނޑުގައި އޮތަސް މަރު އައިސް ތިމާއާ ބައްދަލުކުރާނެއެވެ.

މަރުވުމުގެ ކުރިން ތިމާއަށް ކިޔޭ އެންމެ ފަހުގެ ބަހަކީ ޝަހާދަތުގެ ދެ ކަލިމަ ކަމުގައި ހެދުމަށް ގަދައަޅާ މަސައްކަތްކުރާށެވެ. ހެޔޮ ޢަމަލުތަކުން ތިބާގެ ޙަޔާތް ފުރާލާށެވެ. އެފަދަ މަރަކުން މަރުގަންނަވާ އިންސާނާއަށް އުފާވެރިކަން ހުއްޓެވެ. އެ މީހާއަށް ސުވަރުގެ ނޫން އެހެން ތަނެއް ނެތެވެ. މީ ﷲ ގެ ވަޢުދު ބަސްފުޅެވެ. މި ބަސްފުޅު ދޮގެއް ނުވާނެއެވެ.

އޭ އިންސާނާއެވެ. މަރަކީ މި ދުނިޔޭގެ މަޖަލާ އުފަލާ، ތިބާ ވަކިކޮށްލާ އެއްޗެކެވެ. އާޚިރަތާ ތިބާ ކައިރި ކުރުވާ އެއްޗެކެވެ. ތިބާގެ ޢަމަލުތަކާ މެދު ސުވާލުކުރެވޭނެ ދުވަހަށް ތައްޔާރުވާށެވެ. މިއަދު ކުރި ޢަމަލަކުން މެނުވީ މާދަމާ ފައިދާއެއް ނުކުރާނެއެވެ. ތިބާ މިއަދު ދީފައިވާ ޞަދަޤާތަކުން މެނުވީ އެ ދުވަހަކުން ފައިދާއެއް ނުކުރާނެއެވެ. ތިބާއަށް ހެޔޮ ދުޢާ ކުރާނެ ޞާލިޙު ދަރިއެއްގެ ހެޔޮ ދުޢާއިން މެނުވީ ސަލާމަތެއް ނެތެވެ. ތިބާގެ ހެޔޮ ޢަމަލުތަކުން މެނުވީ ނަޖާތެއް ނެތެވެ.


އިތުރަށް ވިދާޅުވޭ...

5.16.2012

އޭ އައުރަ ނިވާ ނުކޮށް ތިބި އުޚްތުންނޭވެ

އަލްއުޚްތު އުއްމު ޒިވާ
އެއް ދުވަހެއްގެ މެންދުރުގެ ވަގުތެވެ. މާލޭގެ ކާރޫބާރޫ ބޮޑު މަގެކެވެ. އަހަރެން އެ މަގުން ހިނގަމުން ދިޔައީ ސްކޫލްދޮށަށް ދިއުމުގެ ބޭނުމުގައެވެ. ހިނގަމުން ވަކި ހިސާބަކަށް ދެވުނު ތަނާ، މީހުން އަހަރެންނާ ދިމާއަށް އާދަޔާ ޚިލާފަށް ބަލާކަން އިޙްސާސްކުރެވެން ފަށައިފިއެވެ. ކޮންމެ މީހެއްގެ ވެސް ނަޒަރު ހުއްޓެނީ ވަރަށް ޝައުޤުން ފުރިގެންވާ ފަދަ ގޮތަކަށެވެ. އަހަރެންނަށް ވަރަށް އުނދަގޫ ވާން ފަށައިފިއެވެ. ލަދުން ގޮސް ހަދާނެ ގޮތް ނޭނގުނެވެ. އަމިއްލައަށް ލެވިފައި ހުރި ހެދުމަށް ބެލެން ފަށައިފިއެވެ. ނަމަވެސް ތަފާތެއް ނުފެނެއެވެ. އާދައިގެ މަތީން ވެސް އަހަރެން ލާ ކަޅު ހެދުމެވެ. އެއާއެކު އަޅާ ބޮޑު ބުރުގާއެވެ. އޭގައި އެއްވެސް ތަފާތެއް ނެތެވެ. ފެންނަ ފެނުމަށް ހެދުމުގެ ކުރިމަތީގައި އެއްވެސް ތަފާތެއް ނެތުމުން ފުރަގަހަށް އެނބުރި ކުޑަކޮށް ބަލައިލައިފީމެވެ. ބަލައިލުމާއެކު މީހުން ބަލާ ސަބަބު އެނގި ހާމަވެއްޖެއެވެ.

އަހަރެންގެ ފުރަގަހުގައި ހުރީ ހެދުން ލައިގެން އޮރިޔާމުން ހުރި އަންހެން ކުއްޖެކެވެ. އެ ކުއްޖާގެ ހެދުން ކުރު ކަމުން ފޮރުވޭ ތަނެއް ނެތެވެ. ބާރުކަމުން ހާމަނުވާ އެއްވެސް ވަނާއެއް ނެތެވެ. ކަރުވަޅު އިންތިހާއަށް ބޮޑުކޮށް ފެންނަން ހުއްޓެވެ. ހެދުމުގެ އަތް ނުވެސް ނެތީއެވެ. މޫނުގައި އެތައް ތަނެއް ތޮރުފާފައި ހުއްޓެވެ. އެ އަންހެން ކުއްޖާ ފެނުމުން ލަދުން ހަލާކުނުވީ ކިރިޔާއެވެ. އަހަރެން އަވަސް އަވަހަށް އޭނާގެ ފަހަތަށް ޖެހިލައިފީމެވެ. އަދި އޭނާ ކުރިއަރާ ދަންދެން މަޑުކޮށްލައިފީމެވެ.

އެއީ ހަމަ އަހަރެމެންގެ ދިވެހި މަންމައަކާއި ބައްޕައަކަށް ލިބިފައިވާ އަންހެން ދަރިއެކެވެ. ކޮންމެވެސް މީހެއްގެ ކޮއްކޮއެކެވެ. ނޫން ނަމަ ކޮންމެވެސް މީހެއްގެ އަންބެކެވެ. ނުވަތަ މަންމައެކެވެ. އެ އަންހެންކުއްޖާގެ ޒިންމާ އުފުލަންޖެހޭ ބަޔަކު ތިބޭނެއެވެ. މިފަދަ އަންހެނުންގެ ސަބަބުން ކިތައް އަންހެނުންނަށް ލަދުގަންނަން ޖެހޭނެ ހެއްޔެވެ؟

އޭ އުޚުތުންނޭވެ! ދުނިޔެމަތީގައި ތިޔަކަނބަލުންގެ ރީތިކަން ހިލޭ ފިރިހެނުންގެ ކުރިމަތީގައި ނީލަން ކިއިދާނެއެވެ. އަދި ކުޑަކުޑަ އުފަލަކަށްޓަކައި ﷲ ތިބާއަށް ދެއްވި ޢިއްފަތްތެރިކަން ވެއްޔާ މޮޑެމުން ދަނީ މާދަމާ އެއީ ނާންނާނެ ދުވަހަކީ ހެއްޔެވެ؟ އައުރަ ނިވާ ނުކުރާ އަންހެނުންނަށް ހުރި ވޭންދެވި ޢަޛާބުގެ ވާހަކަ އަޑު ނާހަމުހެއްޔެވެ؟ ނުވަތަ އިވުނަސް އަޅާނުލަނީ ހެއްޔެވެ؟ މިއަދު ވަރިހަމަކޮށްފައި ތިޔަހެން އުޅެވިދާނެއެވެ. އެހެން ނަމަވެސް މާދަމާ ދާން އޮތް ދާއިމީ ގޮވަތީގައި ހަދާނީ ކިހިނެއް ހެއްޔެވެ؟ ދުނިޔެމަތީގެ ހޫނަށް ވުރެ އެ ދުވަހުގެ ހޫނުކަން ގަދަވާނެކަން ނޭނގެނީ ހެއްޔެވެ؟

އޭ އުޚުތުންނޭވެ! ﷲ އަށް ބިރުވެތިވާށެވެ. ﷲ އެންގެވި ގޮތުގައި އައުރަ ނިވާކޮށްގެން އުޅުން ނޫން ގޮތެއް އަހަރެމެންނަކަށް ނެތެވެ. ﷲ ގެ ކޯފާއަކީ ކޮންމެ ފަހަރަކު ވަގުތުން ވަގުތަށް އަންނާނެ އެއްޗެއް ނޫނެވެ. އަހަރެމެންގެ މި ފާފަތަކަށް ވަގުތުން ﷲ ކޯފާ ނުލައްވާ ކަމަށްޓަކައި އެ ކަލާނގެއަށް ހާސްފަށުން ޝުކުރު ކުރައްވާށެވެ.

ތިބާގެ މަރު އަންނާނެ ވަގުތެއް ނޭނގެއެވެ. މިއަދު މަރުވިޔަސް ތިބާއަށް ހުރީ ކޮން ގޮތެއް ކަމެއް އެނގޭ ހެއްޔެވެ؟ ފަހުން އައުރަ ނިވާ ކުރަން ހިތުގައި ނުބާއްވާ އަވަހަށް އައުރަ ނިވާކުރައްވާށެވެ. ﷲ ގެ ރުއްސެވުން ހޯދުމަށްޓަކައި ގަދައަޅާ މަސައްކަތް ކުރާށެވެ. ޢިއްފަތްތެރި ލަދުވެތި އަންހެނެއް ކަމުގައި ވެލައްވާށެވެ. ތިޔަ އުނގުން ބިނާކުރާ ޖީލަކީ އިސްލާމްދީނުގެ މަތިވެރި އަޚުލާޤު ލިބިގެން ބިނާކުރެވޭ ޖީލެއް ކަމުގައި ހައްދަވާށެވެ.

އޭ ލޮބުވެތި އަޚުންނޭވެ. ތިޔަބައިމީހުންގެ ދަރީންނާއި އަނބީންނާއި ކޮއްކޮއިންނާއި ދައްތައިންނާއި މައިންނާއި މައިދައިތައިން ނަރަކައިން ސަލާމަތް ކުރުމަށް މަސައްކަތް ކުރައްވާށެވެ. މާދަމާ ތިޔައިން ކޮންމެ މީހަކީ ވެސް ސުވާލުވެވިގެންވާނެ މީހުންނެވެ. އެ މީހަކާ ޙަވާލުވެވިގެންވާ މަސްޢޫލިއްޔަތާ މެދުގައެވެ.

އިތުރަށް ވިދާޅުވޭ...

4.30.2012

މަންމަ

އަލްއަޚް އިބްރާހިމް ނަޝީދު
މަންމާއެވެ. އަހަރެންގެ ހުރިހާ ކަމެއް ކޮށްދެނީ އަހަރެންދެކެ ދެލޮލުގެ ނޫރު ފަދައިން ލޯބިވާ މަންމައެވެ. އަހަރެންނަށް މިއަދު އިޙްސާސް ކުރެވެއެވެ. ނުވަމަހާއި ނުވަދުވަސް ވަންދެން މަންމަގެ ބަނޑުތެރޭގައި އަހަރެން ބާއްވައިގެން މަންމަ އުޅޭނެ ނިކަމެތި ޙާލެވެ.

އެވޭން ލިބިވެނިވި ދުވަސްތަކެވެ. މަންމަގެ ހަށިގަނޑުގައި އަޅަމުންދާ ވޭނުގެ ސަބަބުން މަންމަ ކުކުރޭ އަޑު އަހަންނަށް އިވޭ ކަހަލައެވެ. އެހެނަސް މަންމަ ކެތްކުރިއެވެ. ހަމައެކަނި އަހަރެންގެ ހައްޤުގައެވެ. އެއްވެސް ޝަކުވާއެއް ކުރުމެއް ނެތިއެވެ. ބަދަލުގައި އަހަރެންނާ ދޭތެރޭ ކުރެވޭ އުއްމީދު ފިޔަވައި އިތުރު އެހެން އެއްވެސް އެއްޗެއް ބޭނުން ވެގެނެއް ނޫނެވެ.

މަންމާއެވެ. އަހަރެން ކުޑަކުއްޖެއް ކަމުގައި ވީދުވަހު މުޅި ރޭގަނޑު ހަތަރުދަމު އަހަރެންގެ ކައިރީގާ ނުނިދާ ހޭލާ އިނީމު ނޫންތޯއެވެ! އަހަރެން ނިދާފައި ވީއިރުގަ އާއި ހޭލާފައި ވީއިރު އަހަރެންގެ މޫނަށް ބަލަހަށްޓައިގެން ފަތިސްވަންދެން މަންމަ އިނީމު ނޫންތޯއެވެ. އެހެން އޮވެ މަންމައާ ދެމާ ބަލާލާފައި އަހަރެން ހީލަނިކޮން މަންމަގެ މޫނުމައްޗަށްވެސް ހިނިތުންވުން ވެރިވޭ ނޫންހެއްޔެވެ؟ އެހިނިތުންވުމުގައި އުފާވެރިކަމާ އުންމީދުތައް އެކުލެވިގެން ވެއެވެ. މުޅިރޭ ވަރުބަލިކަމެއް ނެތި މިގޮތުގައި ހޭދަކުރުމަށްފަހު ފަތިސް ނަމާދު ބަންގި ގޮވުމުން ނަމާދު ކޮށްލާފައި އަހަރެންނަށްޓަކާ ދުޢާ ކޮށްދޭ މަންޒަރު މިއަދުވެސް އަހަރެންނަށް ފެންނަ ކަހަލައެވެ. އެއަޑު އަހަރެންގެ ކަންފަތް ދޮށުގައި އަދިވެސް އެބަހުއްޓެވެ.

ލޯބިވާ މަންމާއެވެ. މަންމަ ހިތްހަމަ ނުޖެހޭ ވަރަށް ގިނަ ކަންތައްތައް އަހަރެންނަށް ކުރެވޭ ނޫން ހެއްޔެވެ؟ އެކަންތަކަށް އަހަރެން މަޢާފަށް އެދުމުގެ ކުރިން މަންމައަށް އެއްވެސް އިޙްތިޔާރަކާ ނުލާ އަހަންނަށް މާފުކުރެވެނީ ކީއްވެ ހެއްޔެވެ؟ ސުވަރުގެ ލިބެން އަންނަނީ މަންމަގެ ރުހުން ލިބިގެންނޭ ބުނާތީވެ ހެއްޔެވެ؟ މަންމާ އެވެ. މަންމަގެ ހިތުގައި ޖެހޭފަދަ، މަންމަ ނުރުހޭފަދަ އެއްވެސް ކަމެއް ކުރެވިފައިވާނަމަ މިއަދުވެސް މަންމަގެ ކިބައިން މަޢާފަށް އެދެމެވެ. އަހަންނަށް މަޢާފު ކޮށްދޭށެވެ. ލޯބިވާ މަންމާއެވެ. އަހަރެން ތުއްތު ކުއްޖެއްފަދައިން ވީ ދުވަހު ދުޢާ ކޮށްދިން ގޮތަށް މިއަދުވެސް އަހަންނަށްޓަކައި ހެޔޮ ދުޢާކޮށްދެއްވާށެވެ! މަންމަގެ ދުޢާ އަކީ އަހަންނަށްޓަކައި ދުނިޔެއާއި ދުނިޔޭގައިވާހާ މުދަލަކަށްވުރެ އަގުހުރި އެއްޗެކެވެ.

އަހަރެންގެ ހުރިހާވެސް ދުޢާ އަކީ ދެދުނިޔޭގައިވެސް މަންމަގެ ލޮލުގެ ފިނިކަން ކަމުގައި ވުމުގެ ހެޔޮ ތައުފީޤު އަހަރެންނަށް މިންވަރު ކޮށްދެއްވުމެވެ. ހައްދަވާ ބޮޑުކުރެއްވި މަތިވެރި އިލާހު! އިބައިލާހީ މައިންބަފައިންނަށް އިޙްސާންތެރިވުމަށް އިބައިލާހުގެ މޫރިތިވި އާޔަތްތަކުން އަޅުތަކުންނަށް އަމުރު ކުރެއްވި އިލާހެވެ! މިއަޅާއަކީ މިއަޅާގެ މައިންބަފައިންނަށް ކިޔަމަންތެރި އިޙްސާންތެރި ދަރިއެއް ކަމުގައި ލައްވާންދޭވެ! އަދި އެދެމީހުންގެ ލޮލުގެ ފިނިކަން ކަމުގައި މިއަޅާ ލައްވާންދޭވެ! އަދި މިއަޅާގެ މައިންބަފައިން މުސްކުޅިވީ ދުވަހު އެމީހުންނަށް ހުރި ވޭނެއްކަމުގައި މިއަޅާ ނުލައްވާންދޭވެ!ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! މިއަޅާގެ މައިންބަފައިންނަށް ފާފަފުއްސަވާންދޭވެ! އަދި މިއަޅާ ކުޑަ ކުއްޖެއް ކަމުގައިވީދުވަހު، އެދެމީހުން މިއަޅާގެ މައްޗަށް ރަޙުމު ކުރި ފަދައިން މިއަދު އެދެމީހުންނަށް ރަޙްމަތް ލައްވާންދޭވެ!

އިތުރަށް ވިދާޅުވޭ...

4.12.2012

ރަނގަޅު ބެލެނިވެރިއަކަށް ވުމަށް ކުރުން މުހިންމު ކަންކަން

އަލްއުޚްތު ޚަދީޖާ އިސްމާޢިލް
ކުޑަކުދިން ރަނގަޅު ގޮތުގައި ތަރުބިއްޔަތުކޮށް ބޮޑެތި ކުރުމަކީ އެންމެ ބުރަ މަސައްކަތުގެ ތެރޭގައި ހިމެނޭ އަދި އެންމެ ހިތްހަމަޖެހުން ގެނެސްދޭ އެއްކަމެވެ. އެއީ އެކަމަށް ތައްޔާރުވެވޭތޯ މަސައްކަތް ކުރިއަސް އެކަށީގެންވާ ވަރަށް ތައްޔާރުވެވިފައި ނުވާކަމުގެ އިޙްސާސް ގެނުވާ މަސައްކަތެކެވެ. ކަންބޮޑުވާންޖޭހޭ ފަހަރާއި ހާސްވާންޖެހޭ ފަހަރު އަދި ހަދާނެ ގޮތް ހުސްވީއޭ ހީވާ ފަހަރުވެސް އަންނާނެއެވެ. މި ދަންނަވާލަނީ ދަރިން ބަލާ ބޮޑު ކުރުމުގައި އެޅިދާނެ ބައެއް މުހިއްމު ފިޔަވަޅު ތަކެވެ. ކަމުގެ ތަޖުރިބާކާރުން ބުނާ ގޮތުގައި މިފަދަ ފިޔަވަޅުތައް އަޅަމުން ދާނަމަ ބެލެނިވެރިންނަށް ހިތްހަމަ ޖެހުން ލިބި އަދި ދަރިފުޅުގެ ފަރާތުން ލިބޭ އުފާވެރިކަން ބޮޑުވާނެއެވެ.

1. އަމިއްލަ ނަފްސަށް ކުރާ ޤަދަރު މަތިކުރާށެވެ.
ކުއްޖާ ދާދި ކުޑައިރު އަމިއްލަ ނަފްސާ ދޭތެރޭ ވިސްނަން ފަށައެވެ. ތިމާ އަކީ ކާކުކަން އޭނައަށް ފެންނާނީ ބެލެނިވެރިޔާގެ ނަޒަރުންނެވެ. ބެލެނިވެރިޔާ ދައްކާ ވާހަކައާއި ކުއްޖާއާ ދޭތެރޭ ކަންތައް ކުރާ ގޮތް ކުއްޖާ ފާހަގަ ކުރަމުން ދާނެއެވެ. ވާހަކަދެއްކުމުގައި ގެންގުޅޭ ރާގާއި، ބަސް ބުނެ އުޅޭ ގޮތް ނަގައިގަންނާނެއެވެ. ކުއްޖާ އޭނާގެ އަމިއްލަ ނަފްސަށް ކުރާ ޤަދަރު އަދި އިތުބާރު ބިނާ ވެފައި އޮންނާނީ އޭނާގެ ބެލެނިވެރިޔާގެ ފަރާތުން އިވޭ އަޑުތަކާއި ބެލެނިވެރިޔާ ކަންތައް ކުރާ ގޮތުގެ މައްޗަށެވެ. ނަފްސުގެ ޤަދަރު މަތިކުރުމަށް ކުއްޖާ ކުރާ ރަނގަޅު ކަންތަކަށް، އެއީ ކިތައްމެ ކުޑަ ކަމަކަށް ވިޔަސް، ތަޢުރީފުކޮށް ހިތްވަރު ދޭށެވެ. އެކުރެވުނު ކަންތަކާ ފަޚްރުވެރި ކުރުވާށެވެ. އޭނާއަށް ކުރެވޭވަރުގެ ކަންތައް އަމިއްލައަށް ކުރުމުގެ މިނިވަންކަން ދިނުމުން އޭނައަށް ވެސް ކަންތައްތައް ކުރެވޭކަމަށް ވިސްނި ނަފްސަށް ކުރާ ޤަދަރު މަތިވާނެއެވެ. އެއާ އިދިކޮޅަށް ކުއްޖާ ނިކަމެތި ކޮށް ދެރަ ކޮށްލާފަދަ ބަސްބުނެ އެހެން ކުދިންނާއި ނުރަނގަޅު ގޮތުގައި އަޅާކިޔާނަމަ ކުއްޖާއަށް އޭނާއަކީ އަގެއްނެތް މީހެއްގެ ގޮތުގައި ވިސްނެން ފަށައެވެ.

ވީމާ ކުދިން ނިކަމެތި ކުރުވާފަދަ ބަސް ނުބުނުމަށް ސަމާލުވާން ވާނެއެވެ. ޖިސްމާނީ ގޮތުން ލިބޭ އަނިޔާ އަށްވުރެ ނަފްސާނީގޮތުން ލިބޭ އަނިޔާގެ އަސަރު ގިނަދުވަހު ދެމިހުންނާނެއެވެ. އެހެންކަމުން ކުދިންނާ ދޭތެރޭ ރަޙުމް ބަހައްޓާ، ވިސްނާނުލައި ބަސް ނުބުނުމަށް ސަމާލުވާށެވެ. ކުއްޖާ ކުރާ ކަމަކާ ދޭތެރޭ ހިތްހަމަނުޖެހުނަސް ކުއްޖާ ގޯސް ނޫންކަމާއި، ގޯހީ ކުއްޖާއަށް ކުރެވުނު ޢަމަލުކަން، އަދި ކޮންމެ މީހަކުވެސް ކުށެއް ކުރެވިދާނެކަން ވިސްނައިދޭށެވެ. ކުއްޖާދެކެ ލޯބިވާކަން އަންގައި ދޭށެވެ.

2. ކުރާ ރަނގަޅު ކަންތައް ފާހަގަ ކުރާށެވެ.
ތިމާ ހިތްހަމަ ނުޖެހޭ ގޮތަކަށް ކުއްޖާ ކަންތައްކުރާ ކޮންމެ ފަހަރަކު ފާޑުކިޔެނީ ކުއްޖާ ކަންތައްތައް އިސްލާހު ކުރޭތޯއެވެ. ތިމާކުރާ ކަންތައްތައް ހިތްހަމަނުޖެހި މީހަކު އަބަދު އަބަދު ފާޑުކިޔާނަމަ ވާނީ ކިހިނެއްތޯ ވިސްނާލާށެވެ. ކަންތައްތައް އިސްލާހު ކުރަން ބޭނުން ނަމަ އެންމެ ރަނގަޅު ގޮތަކީ ކުއްޖާ ކުރާ ރަނގަޅު ކަންތައްތައް ފާހަގަކޮށް ތަޢުރީފްކުރުމެވެ. މިސާލަކަށް އެކުގެއި ކުޅެން އުޅޭ އެހެންކުއްޖަކާ ދޭތެރޭ ކުއްޖާ ރަނގަޅު ގޮތުގައި ކަންތައް ބަހައްޓައިފި ނަމަ ވަރަށް ރަނގަޅު ކަމަށް ބުނެ ތަޢުރީފު ކުރާށެވެ. މިފަދައިން ކުރާ ތަޢްރީފުގެ ހެޔޮ ނަތީޖާ ގިނަ ދުވަސްތަކެއްގެ ފަހުން ފެންނާނެއެވެ. އެއްޗެތި ކިޔާ އަދި ފާޑު ކިޔުމުން ނުފެންނާނެ ހެޔޮ ނަތީޖާއެވެ. ކުއްޖާއަށް ތަޢުރީފުކުރެވޭ ފަދަ އެއްކަމެއް ކޮންމެ ދުވަހަކުވެސް ފާހަގަ ކުރާށެވެ. އެންމެ މަދުވެގެން އެއްކަމެކެވެ. އެފަދަ ކޮންމެ ވަގުތަކު ކުއްޖާ އަށް ލޯބި ދިނުމުގެ ގޮތުން ބައްދާލާ އަދި ކުއްޖާ އުފާވާނޭ ފަދަ ބަސް ބުނާނަމަ އަޖައިބުވަނިވި ނަތީޖާ ފެންނާނެއެވެ. ގެންނަންބޭނުންވާ ބަދަލު ފެންނާއެވެ.

3. ޙައްދު ކަނޑައަޅައި އަޚްލާގީ މިންގަނޑު ހިފަހައްޓާށެވެ.
ކުއްޖާގެ އަޚްލާގު ރަނގަޅުކޮށް އަމިއްލަ ނަފްސު ކޮންޓުރޯލް ކުރަން ދަސްކޮށްދިނުމަކީ ތަރުބިއްޔަތުގެ މުހިއްމު އެއްބައެވެ. ކުއްޖާއަށްޓަކާ ތިމާ ކަނޑައަޅާ ޙައްދުތަކާއި މިންގަނޑުތައް ކުއްޖާ އަބަދުވެސް ޓެސްޓު ކުރާނެއެވެ. ހަރުދަނާ އަދި ޒިންމާދާރު ބަޔަކަށް ދަރިން ހެދުމަށް އެޙައްދުތަކާއި މިންގަނޑުތަކުގައި ހިފެހެއްޓުމަށް ކުއްޖާއަށް ދަސްކޮށް ދޭންޖެހެއެވެ. ގޭތެރޭގެ ގަވާއިދުތަކެއް ހެދުމުން ތިމާ، ކުއްޖާގެ ފަރާތުން އެދެނީ ކޮންކޮން ކަންތައްތަކެއްކަން ކުއްޖާއަށް ވިސްނޭނެއެވެ.

މިސާލަކަށް، ފިލާވަޅު ނުހަދާ ޓީވީ ނުބެލޭނެކަން އަދި އެހެން ކުއްޖެއްގެ ގައިގާ ޖަހައިގެން ނުވާނެކަން މިފަދަ ޤަވާއިދުތަކުގެ ތެރޭގައި ހިމެނިދާނެއެވެ. އަދި ޤަވާއިދެއްގެ ގޮތުން ޓީވީ ބެލުމާއި ކުޅުމަށްވެސް ވަގުތު ކަނޑައެޅިދާނެއެވެ. މިފަދަ ޤަވާއިދުތަކެއް ހެދުމަށްފަހު ތީމާ ސަމާލުވާން ޖެހޭ ކަންތައްތަކެއް ވެއެވެ. ޤަވައިދާ އެއްގޮތައް ކުއްޖާ ކަންތައް ނުކޮށްފިނަމަ ދެން ކަންތައްވާނެ ގޮތް ކުއްޖާއަށް އަގައިދޭން ޖެހެއެވެ. ނުހިފެއްޓިއްޖެ ނަމަ ޤަވާއިދުތައް އެއީ ކުއްޖާއަށް އެއްވެސް މުހިއްމު އެއްޗެއްނޫނެވެ. މިސާލަކަށް، އެހެން ކުއްޖެއްގެ ގައިގާ ޖަހައިފިނަމަ ކުރާހިތްވާ ކޮންމެވެސް ކަމެއް އެދުވަހު ނުކުރެވޭނެކަން އެންގިދާނެއެވެ. ދެން އޮންނާނީ ތިމާގެ ބަހުގައި ތިމާ ހިފެހެއްޓުމެވެ. ކުއްޖާގެ ފަރާތުން އެދެވެނީ ކޮންކޮން ކަންތައްތަކެއްކަން ކުއްޖާއަށް ވިސްނެމުންދާނެއެވެ.

4. ކުއްޖާއަށްޓަކައި ވަގުތު ހުސްކުރާށެވެ.
ކުރަން ހުންނަ ކަންތައް ގިނަވުމުން ބެލެނިވެރިންނަށް ކުއްޖާއާއި އެކު ހޭދަ ކުރަން ވަގުތު ނުވާ ފަހަރު އާދެއެވެ. ކުއްޖާއަށްޓަކައި ހުސްކުރާ ވަގުތެވެ. މިފަދަ ވަގުތަކީ ކުއްޖާއަށް ވަރަށް މުހިއްމު ވަގުތުތަކެކެވެ. ފަތިހާ ތެދުވެ ދަރިފުޅާ އެކީ ނާސްތާކޮށް ހިނގާލަންގޮސް ހެދުމުން ކުއްޖާ އެދޭ ސަމާލުކަން ނުދެވޭނަމަ ސަމާލުކަން ހޯދާނެ އެހެން ގޮތެއް ކުއްޖާހޯދައެވެ. ކުއްޖާ ބަސްނާހަން ފަށައެވެ.

ދަރިންނަށްޓަކައި ވަގުތު ހުސްކުރުމަށް ސަމާލުކަންދޭ ބައެއް ބެލެނިވެރިން އެވަގުތުތައް ކުރީގައި ކަނޑައަޅައެވެ. މިސާލަކަށް ހަފްތާގެ ވަކި ރެއެއް އެއީ ކުދިންނާއި އެކު ބޭރަށް ގޮސް އުފާ ކުރުމަށް އޮންނަ ޚާއްޞަ ރެއެއްކަމަށް ކަނޑައަޅައެވެ. އުމުރުން ބާރަ ތޭރަ އަހަރުގައި މިފަދަ ވަގުތު ތަކަށް އެކުދިން ހުންނަށް ޝައުގުވެރިކަން ކުޑަވިޔަސް އަބަދުވެސް ވާހަކަ ދެއްކުމުގެ ފުރުސަތު އެކުދިންނަށް ދިނުން ވަރަށް މުހިއްމެވެ. އެކުދިންނާ ގުޅުން ބަދަހިވާނޭ ފަދަ ކަންތައް ކުރުން މުހިއްމެވެ. މިސާލަކަށް އެކުގައި ފުޓުބޯޅަ މެޗެއް ބަލައިލެވިދާނެއެވެ. މިފަދައިން ގުޅުން ބަދަހި ކުރުމުން ކުއްޖާ ދަސްވެ ކުއްޖާގެ ރަޙްމަތްތެރިން ވެސް ދަސްވަމުން ދާނެއެވެ.

އާމްދަނީ ހޯދުމަށް މަސައްކަތްކުރާ ބެލެނިވެރިންނަށް ދަރިފުޅާއެކު ގިނަ ވަގުތުތަކެއް ހޭދަ ނުކުރެވިދާނެއެވެ. ނަމަވެސް ކުއްޖާއާއެކު ހޭދަކުރާ ކިތައްމެ ކުޑަ ވަގުތުކޮޅަކީވެސް ކުއްޖާއަށް މުހިއްމު ވަގުތުކޮޅެއްކަން ހަނދާން ކުރާށެވެ. އެކުގައި ކުރާ ކުދި ކުދި ކައްތައްވެސް ކުއްޖާ ހަނދާން ކުރާނެއެވެ.

5. ހެޔޮ މިސާލަކަށް ވާށެވެ.
ބެލެނިވެރިން ކުރާ ކޮންމެ ކަމަކީ ކުއްޖާއަށް ވަރަށް މުހިއްމު ކަމެކެވެ. ކުއްޖާ ކަންތައްތައް ކުރަން ބޭނުންވަނީ ބެލެނިވެރިން ކަންތައް ކުރާ ގޮތަށެވެ. އުމުރުން ހަގުވިވަރަކަށް ކުދިން ބެލެނިވެރިންގެ ކަންތައްތައް ފާހަގަކޮށް ނަކަލު ކުރުމަށް އެދެއެވެ. އެހެންކަމުން ތިމާ ކަމަކާ ރުޅިއައިސް ތަކެތި ސުންނާފަތި ކުރަން ފެށުމުގެ ކުރިން ވިސްނާލާށެވެ. ތިމާގެ ދަރިފުޅު ރުޅި އަންނަ ކޮންމެ ފަހަރަކު އެފަދަ ކަންތައް ކުރުމަށް ތިމާ އެދޭ ހެއްޔެވެ؟ ތިމާ ކުރާ ކަންތައް ދަރިފުޅު ބަލަމުން ދާކަން ވިސްނާލާށެވެ. ދިރާސާތަކުން ދައްކާގޮތުން އެހެންކުދިންނާ ރުޅި ހަދާ، ތޮޅެ އަދި ޒުވާބުކުރާ ކުދިންނަކީ ގޭތެރެއިން އެފަދަ މިސާލުތައް ދެކޭ ކުދިންނެވެ.

ވީމާ ބެލެނިވެރިންނަކީ ކުދިންނަށް ހުރި ރަނގަޅު މިސާލެއްކަމަށް ވާންޖެހެއެވެ. އެހެން މީހުންނަށް އިޙްތިރާމް ކުރާ ރަޙްމަތްތެރި، ތެދުވެރި ބަޔަކަށް ވާންޖެހެއެވެ. އޯގާތެރި އަދި ކެތްތެރި ބަޔަކަށް ވާންޖެހެއެވެ. އަމިއްލަ އެދުންތަކަށް ވުރެ އެހެންމީހުންގެ އެދުންތަކަށް އިސްކަންދޭ ބަޔަކަށް ވާންޖެހެއެވެ. ބަދަލަކަށް ނުއެދި ހިތްހެޔޮކަމާއެކީ މީހުންނަށް ކަންތައް ކޮށްދޭ މީހަކަށް ބަޔަކަށް ވާންޖެހެއެވެ. ކުއްޖާގެ ކިބައިގާ އެ ސިފަތައްވުމަށް އެދޭނަމައެވެ. ތިމާ އާއި ދޭތެރޭ އެހެން މީހުން ކަންތައް ކުރުމަށް ތިމާ އެދޭ ގޮތަށް، ތިމާގެ ދަރިފުޅާ ދޭތެރޭ ކަންތައް ކުރާށެވެ.

6. މުވާސަލާތް ކުރުމަށް އިސްކަން ދޭށެވެ.
ކުއްޖާ ކައިރީ ކަމެއް ކުރުމަށް ބުނެ އެކަމެއް ކުރަން ބުނީ ކީއްވެގެންކަން ކުއްޖާއަށް ތިމާ ބުނެ ނުދޭނަމަ އެކަމެއްގެ މުހިއްމުކަމެއް ކުއްޖާއަކަށް ނުވިސްނޭނެއެވެ. އަދި އެކަމަށް ދެވޭ ސަމާލުކަން ވެސް ކުޑަވާނެއެވެ. މިސާލެއް ނަގާނަމަ ކޮޓަރިން ނުކުންނަމުން ހޮޅިބުރި ނިންވާލުމަށް ބުނެފައި ނިންވާލަން ޖެހެނީ ކީއްވެގެން ކަން ކުއްޖާއަށް ވިސްނާނުދެވޭނަމަ އެކަމަށް ދެވޭ ސަމާލުކަން ކުޑަވެ ހޮޅިބުރި ނިންވާލަން ޖެހެނީ ކީއްވެގެންކަމާއި ނިއްވާ ނުލުމުން ވާނެ ގޮތް ކުއްޖާއަށް ކިޔައި ދެވިފައި ވާނަމަ އެކަމަށް ދެވޭ ސަމާލުކަން ބޮޑުވެއެވެ.
ބޮޑެތި މީހުންނެކޭ އެއްފަދައިން ކުދިންގެ ހިތުގައިވެސް ސުވާލު އުފެދޭނެއެވެ. އަދި އެސުއާލުތަކުގެ ޖަވާބު ހޯދުމަށް އެދޭނެއެވެ. ބެލެނިވެރިންގެ ފަރާތުން ޖަވާބު ނުލިބޭނަމަ ކަންތައްތައް ކުރުމުގެ ބޭނުމާމެދު ހިތުގައި ޝައްކު އުފެދުން އެކަށީގެންވެއެވެ. ވީމާ ކުދިންނަށް ކަންތައްތައް އޮޅުން ފިލުވައި ދިނުން މުހިއްމެވެ. ތިމަ ކުއްޖާގެ ކިބައިން އެދެނީ ކޮންކޮން ކަންތައްތަކެއްކަން ސާފުކޮށްދޭށެވެ. އަދި އިތުރު މައްސަލަތައް ވާނަމަ ކިޔައިދޭށެވެ. އެފަދަ މައްސަލަތަކާ ދޭތެރޭ ތިމާ ދެކެ ގޮތް ކިޔައިދީ މައްސަލައަށް ޙައްލެއް ހޯދުމުގައި ކުއްޖާ އެހީ ހޯދާށެވެ. ކުއްޖާ ހުށައަޅާ ޙިޔާލުތައް ބަލައިގަންނާށެވެ. ކަންތައްތައް ކަނޑައެޅުމުގައި ކުއްޖާ ބައިވެރި ކުރާނަމަ ކުއްޖާއަށް އެކަމެއް ޤަބޫލުކުރަން ފަސޭހަވާނެއެވެ. ގޭތެރޭގެ ބައެއް ޤަވާއިދުތައް ހެދުމުގައި ކުއްޖާ ބައިވެރިކުރާނަމަ އެ ޤަވާއިދުތަކާ އެއްގޮތަށް ކަންތައް ކުރުމަށް ކުއްޖާ ސަމާލުކަން ދޭލެއް އިތުރުވާނެއެވެ.

7. ބައެއްކަންތައްތަކަށް ބަދަލުގެންނަން ޖެހިދާނެކަން ވިސްނާށެވެ.
ތިމާ އެދޭ ގޮތްނޫން އެހެން ގޮތަކަށް ކުއްޖާ ކަންތައް ކުރަމުންދާނަމަ އެގޮތައް ކަންތައް ވަނީ ކީއްވެގެންކަން ވިސްނާލާށެވެ. ކުއްޖާ ވަށައިގެންވާ މާޙައުލުގެ އަސަރު ކުއްޖާގެ އުޅުމަށް ކުރާނެއެވެ. މާޙައުލަށް ގެންނަ ބަދަލުން ކުއްޖާގެ އުޅުމަށް ބަދަލު ގެނެވޭނެއެވެ. މިސާލަކަށް، ދެއަހަރަށް ދާ ކުއްޖަކަށް މާގިނައިން ނޫނެކޭ ބުނަންޖެހޭނަމަ އޭނާ އުޅޭ ތަނުގައި ވާތަކެތި، ނޫނެކޭ ބުނަން ނުޖެހޭފަދަ ގޮތަކަށް އެތުރިދާނެއެވެ. އޭނާއަށް އަތްލުމުގެ ހުއްދަ ނެތް އެއްޗެހި އަތްނުފޯރާ ހިސާބަކަށް ލާ ފޮރުވިދާނެއެވެ. މިފަދައިން ކަންތައްތައް ކުރުމުން ކުއްޖާއަށާއި ބެލެނިވެރިޔާއަށް ލިބޭ މާޔޫސްކަން ކުޑަވެއެވެ.

8.ކޮންމެ ޙާލަތެއްގައި ވެސް ލޯބިވާކަމަށް ވިސްނައިދޭށެވެ.
ބެލެނިވެރިޔެއްގެ ހައިސިއްޔަތުން ކުއްޖާއަށް ހެޔޮނުބައި ވިސްނައިދީ ރަނގަޅު ގޮތުގައި ތަރުބިއްޔަތު ކުރުމަކީ ތިމާގެ ޒިންމާއެކެވެ. ރަނގަޅުގޮތް ދަސްކޮށްދިނުމަށް ތިމާ ކުރާ މަސައްކަތް ކުއްޖާ ބަލައިގަންނަސް ބަލައިގަތުން ބިނާވެގެންވަނީ ކުއްޖާއަށް ވިސްނައިދިނުމަށް ތިމާ ޙިޔާރުކުރާ ގޮތެއްގެ މައްޗަށެވެ. ތުހުމަތު ކުރުމާއި ގޮތްދެއްކުން އަދި ނުރަނގަޅު ގޮތުގައި ފާޑު ކިޔުމަކީ ކުއްޖާ އޭނާގެ އަމިއްލަ ނަފްސަށް ކުރާ ޤަދަރު ކުޑަކުރުވާނެ ކަންތަކެވެ. ކުއްޖާ ނަފުރަތު ކުރާނެ ކަންތަކެވެ. ވީމާ ކުއްޖާއަށް މަގު ދެއްކުމުގައި މިފަދަ ކަންތައްތައް ނުކޮށް ވޭތޯބަލަން ވާނެއެވެ. ރަނގަޅު ކަންތައް ކުރުމަށް ހިތްވަރު ދޭންވާނެއެވެ. ކަންތައްތައް ރަނގަޅު ވާނެ ކަމަށް ތިމާ އުންމީދު ކުރާކަން އަންގަން ވާނެއެވެ. އަދި ކޮންމެ ޙާލަތެއްގައިވެސް ކުއްޖާދެކެ ލޯބިވާކަން އަންގަންވާނެއެވެ.

9. ބެލެނިވެރިއަކަށް ވުމުގައިވެސް ޙައްދުތަކެއް ވާކަން ދަންނާށެވެ.
ތިމާއަކީ އެންމެ ފުރިހަމަ ބެލެނިވެރިޔާއަށް ވުމީ ނާދިރު ކަމެކެވެ. ތިމާގެ ކިބައިގައިވާ ރަނގަޅު ސިފަތައް ފާހަގަ ކުރާށެވެ. އަދި ނުރަނގަޅު ކަންތައްތައް ރަނގަޅު ކުރުމަށް މަސައްކަތް ކުރާށެވެ. ކުއްޖާގެ ފަރާތުން ތިމާ އުއްމީދުކުރާ ކަންތައްތަކަކީ ވެދާނެ ކަންތައްތައްތޯ ވިސްނާލާށެވެ. އަދި ތިމާގެ ބައިވެރިޔާގެ ފަރާތުން އުއްމީދު ކުރެވޭ ކަންތައްތަކަކީވެސް ވެދާނެ ކަންތައްތައްތޯ ވިސްނާލާށެވެ. ތިމާއަށް ހުރިހާކަމެއް ނުއެނގިދާނެކަން ހަނދާން ކުރާށެވެ. އަމިއްލަ ނަފްސަށް މަޢާފު ކުރާށެއެވެ. ހުރިހާ ކަމެއް އެއްފަހަރާ ކުރުމުގެ ބަދަލުގައި މުހިންމު ކަންތައްތަކަށް ސަމާލުކަން ދޭށެވެ. އަމިއްލަ ޞިއްޙަތަށް ސަމާލުކަން ދޭށެވެ. ދޭތެރެ ދޭތެރެއިން ތިމާ ކުރާހިތްވާ ކަމެއް ކުރުމަށް ވަގުތު ހޯދާށެވެ. އަމިއްލަ ނަފްސަށް ސަމާލުކަން ދިނުމުގެ ސިފަ ދަރިފުޅުގެ ކިބައިގައި އަށަގަންނުވަން ބޭނުންނަމަ ތިމާގެ ކިބައިގައިވެސް އެސިފަ އަށަގަންނުވާށެވެ.

އިތުރަށް ވިދާޅުވޭ...

3.24.2012

ޙައިޟުގެ ދުވަސްވަރު ޤުރުއާން ކިޔެވުމާއި ޛިކްރުކުރުން

ޑރ މުޙައްމަދު ޢިޔާޟު ޢަބްދުއްލަޠީފް
ޙައިޟުގެ ދުވަސްވަރު ގުރްއާން ކިޔެވުމާ ބެހޭ ގޮތުން ޢިލްމުވެރިންގެ މެދުގައި ޚިލާފުތަކެއްހުރި މައްސަލައެކެވެ. އެގޮތުން:

1- ޖުމްހޫރު ޢީލްމުވެރިން (ގިނަޢިލްމުވެރިން) ދެކެވަޑައިގަންނަވަނީ ހައިޟުވެރިޔާ ހައިޟުގެ ދުވަސްވަރު ޤުރުއާން ކިޔެވުމަކީ ޙަރާމްކަމެއްކަމުގައެވެ. ހަމަ އެކަނި އިސްތިޘްނާ ވެގެންވަނީ އޭނާ ދުޢާކުރުމުގައި ބޭނުންކުރާ ބައެއް އާޔަތްތަކެވެ. މިސާލަކަށް ( رَبَّنَا آتِنَا فِي الدُّنْيَا حَسَنَةً وَفِي اْلآخِرَةِ حَسَنَةً وَقِنَا عَذَابَ النَّارِ) ސޫރަތުލް ބަޤަރާ 201 .

2- ހ- އިމާމް މާލިކް رحمه اللهގެ މަޒްހަބުގައާއި އަދި އިމާމް އަޙްމަދު رحمه الله ގެ ރިވާޔަތެއްގައި ޙައިޟުވެރިން ޤުރުއާން ކިޔެވުމަކީ ހުއްދަކަމެއްކަމުގައި ވިދާޅުވެއެވެ. އަދި މިއީ ޝައިޚުލްއިސްލާމް އިބްން ތައިމިއްޔާ رحمه الله އަދި އިމާމް ޝައުކާނީ رحمه الله ވެސް ބުރަވެ ވަޑައިގަންނަވާ ގޮތެވެ. އެބޭފުޅުންވިދާޅުވަނީ: ސާފު ޞަރީޙަ ލަފްޒެއް ކީރިތިޤުރްއާނުންވެސް އަދި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ ސުންނަތުންވެސް ވާރިދުވެގެން އައިސްފައި ނުވާކަމަށެވެ. ށ- ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ ދުވަސްވަރުގައި ހައިޟުގެ ޙާލަތު ގައި ތިބޭ އަންހެން ބޭކަނބަލުންނަށް ޤުރްއާންކިޔެވުމަށް އެކަލޭގެފާނު މަނާނުކުރައްވައެވެ.

މައްސަލާގައި ބޮޑަށް ބުރަވެވެނީ އަންހެނުންނަށް ހައިޟުގެ ދުވަސްވަރުގައި ޤުރުއާން ކިޔެވިދާނެކަމަށެވެ. ނަމަވެސް ޝުބުހާއިން (ޝައްކުތަކުން) ދުރުވުމަށްޓަކައި ޟަރޫރީ ޙާލަތްތަކުގައި މެނުވީ ނުކިޔެވުމަކީ އެންމެ މޮޅު އިތުރު ގޮތްކަމުގައި ފެނެއެވެ. މިސާލަކަށް ހިތުން ދަސްކުރާމީހެއް ހަދާނުން ނެތިދާނެކަމަށްޓަކައި އަދި ކިޔަވާ ކުއްޖަކު އޭނަގެ ތަޢުލީމަށްޓަކައެވެ. ނަމަވެސް މުޞްޙަފު (ޚަތިމް) ގައި ބީހުމެއްނެތިއެވެ. والله أعلم

ޙައިޟުވެރިޔާ ޙައިޟުގެ ދުވަސްވަރުގައި ޒިކުރުކުރުމަކީ ހުއްދަކަމެކެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައި ވަސައްލަމް ޙައްޖުތެރޭގައި ޢާއިޝާ ރަޟިޔަﷲ ޢަންހާ ޙައިޟުގެ ޙާލަތުގައި އިންނަވާ ހިނދު ޙަދީޘް ކުރެއްވިއެވެ: " اِفْعَلِي مَا يَفْعَلُهُ الحَاج غَيْرَ أَنْ لَا تَطَوفي فِي الْبَيْتِ حَتَّى تَطَهِّرِي" މާނައީ: ކަމަނާ ޙައްޖުވެރިންކުރާ ކަންތައްތަކުގެތެރެއިން ޠަވާފު ނޫން އެހެން ކަންތައް ކުރައްވާށެއެވެ." އެބަހީ މިނާގައި ރޭކުރުމާ ހިލައުކުމާއި ތަލްބިޔާ ކިޔުމާއި ތަޙްލީލް، ތަމްޙީދު އަދި ތަކްބީރު ފަދަ ކަންތައްތަކެވެ. والله أعلم

އިތުރަށް ވިދާޅުވޭ...

3.16.2012

ކޮންމެ ފިރިހެނަކީވެސް އެފަދަ ފިރިހެނެއްނަމަ

އަލްއަޚް މުޙައްމަދު ޢިމްރާން
މިއީ ހަޤީޤީ ވާހަކައެއްގެ ދިވެހި ތަރުޖަމާއެކެވެ. މިވާހަކަ އެހެންފަރާތަކުން ތަރުޖަމާކޮށް ހުށައަޅާފައިވާނަމަ އެއީ އިއްތިފާގެކެވެ. މިއީ ތުރުކީ ވިލާތުގެ އަންހެން ކުއްޖަކު އޭނާގެ، ޚަޔާތުގެ ވާހަކަ އޭނާގެ ދުލުން ކިޔައިދިން ގޮތެވެ. ﷲ ގެ މަގަށް އޭނާ ރުޖޫޢަވެ އެނބުރުނީ މިހެންނެވެ. މިވާހަކަތައް އަޑު އަހާށެވެ.

އަހަރެންގެ އާއިލާއަކީ ކުޑަކުޑަ އާއިލާއެކެވެ. މަންމައާއި ބައްޕަގެ އިތުރުން އަހަރެންގެ އާއިލާގައި ވަނީ އަހަރެން އެކަންޏެވެ. އަހަރެންނަކީ އަންހެން ކުއްޖަކީމެވެ. މަންމަ އަކީ ހުޅަނގުގެ ޙަޟާރާތުގެ ތެރޭގައި އުޅެބޮޑުވެފައިވާ އަންހެނެކެވެ. އިނގިރޭސިވިލާތުގެ އަންހެނެކެވެ. ބައްޕައަކީ ތުރުކީ ވިލާތުގެ މުސްލިމު ފިރިހެނެކެވެ. މަންމަވެސް ބައްޕައާއި ކައިވެނިކުރުމަށް އިސްލާމްދީން ޤަބޫލުކުރިއެވެ. ނަމަވެސް މަންމަ ނަމާދުކުރާ، މަންޒަރެއް އަދި ﷲ ގެ އާޔަތްތަކުން ތައްކޮޅެއް ކިޔަވާ އަޑުވެސް އަހަރެން ދުވަހެއްގައިވެސް ނާހަމެވެ.

އާއިލާއަށް ކަންތައްތައް ކުރިމަތިވީ ވަރަށް ހިތާމަވެރިކޮށެވެ. އަހަރެންގެ އުމުރުން އެންމެ 9 އަހަރުގައި، ބައްޕަ ނިޔާވެއްޖެއެވެ. ބައްޕަ މަސައްކަތްކުރާ ކާރުޙާނާ އިން އެނބުރި ގެއަށް އައި މަގުމަތީގައި، ދަތުރުކުރި ބަސް އެކްސިޑެންޓް ވެގެންނެވެ. އާއިލާގެ އާއްމުދަނީ ލިބޭ މަގު ބަންދުވީއެވެ. މަންމަ އަކީ އިނގިރޭސިވިލާތުގެ މީހެއްކަމަކު ކިޔަވައިގެން ހުރި މީހެއް ނޫނެވެ. ފަޤީރު އާއިލާއަކުން އައިސްހުރި ފަޤީރެކެވެ. ބައްޕަ ރައްކައު ކޮށްފައިވާ ފައިސާތައް ހުސްވާން ނެގީ އަހަރެއްހާ ދުވަހެވެ. ބައްޕައަކީ ވެސް މެދުމިނުގެ މުސާރައެއް ލިބޭ މީހަކަށް ވާތީ މާގިނައެއްކޮށް ރައްކާކުރެވިފައި ނެތީއެވެ.

ކޮންމެއަކަސް އެހިސާބުން މަންމަ ފެށީ އެހެން މަސައްކަތެކެވެ. މަންމަގެ ރީތިކަން ވިއްކާން ފެށީއެވެ. ރެޔާ ދުވާލު އެތައް ފިރިހެނުންނެއް މިވިޔަފާރި ކުރަން މަންމަގެ ގާތަށް އާދެއެވެ. އެމަސައްކަތުން އަހަރެމެންގެ ދިރިއުޅުމުގެ ކަންތައްތައް ހަމަޖެއްސެއެވެ. އަހަރެންގެ ލޮލުގެ ކުރިމަތީގައި، ބަލަން ހެޔޮނުވާވަރުގެ އެތައް މަންޒަރުތަކެއް ހިނގިއެވެ. މަންމަގެ މިމަސައްކަތުގައި ހޭދަވީ ގާތްގަނޑަކަށް ހަތަރު އަހަރެވެ. މަންމަ ވަރަށް ބޮޑަށް ބަލިވެއްޖެއެވެ. މާރަނގަޅު ފަރުވާތަކެއް ނުދެވި އުޅެނިކޮށް މަންމަ އަމިއްލައަށް މަރުވެއްޖެއެވެ. ދަންޖެހިގެންނެވެ. އަހަރެންގެ އުމުރުން އެންމެ 14 އަހަރުގައި އަހަރެން އެކަނިވީއެވެ.

އަހަރެންނަށް ކިޔެވިފައެއް ނެތެވެ. މަސައްކަތެއް ދަސްކުރެވިފައެއް ނެތެވެ. އަހަރެންނަކީ ވެސް ރީތި އަންހެނަކީމެވެ. ތުރުކީގެ ރަންއިސްތަށިގަނޑާ، އިގިރޭސި ދޮންކުލަ އަހަރެންގެ ގައިގައި ހުރެއެވެ. އަހަރެންވެސް ނިންމީ މަންމަގެ ވިޔަފާރި ކުރާށެވެ. އުމުރުން އެންމެ 14 އަހަރުގައެވެ. އަހަރެންނަށް އަނިޔާވެސް ލިބެއެވެ. ބައެއް ނުބައި ފިރިހެނުން އަހަރެންގެ ލޭކޮޅު ބޯލުމަށްފަހު ފައިސާ ނުދީ ދެއެވެ. އަހަރެން ކުޑަވީމާވެސް ތޯއްޗެކެވެ. ފަސް ވަރަކަށް އަހަރުވީއިރު އަހަރެންގެ ވިޔަފާރި ފުޅާވެ، ބޮޑެތި މުއްސަނދިންގެ ހައިހޫނުކަން ފިލުވާދޭން ކޮށްލެވޭ ފޯނު ކޯލުތަކަކަށް އެކިއެކި ހޮޓާތަކަށް ދާން ފަށައިފީމެވެ.

މިރޭވެސް މިއީ އެކަހަލަ ރެއެކެވެ. އަހަރެންނަށް އެޕޮއިންޓްމެންޓެއް ހޯދުމަށް ޒުވާން ފިރިހެނަކު ފޯނު ކޮށްފިއެވެ. ހޮޓަލުގެ ނަން ބުނުމަށްފަހު ރޫމް ނަންބަރުވެސް ދީފިއެވެ. އަދި އުމުރުން 22 އަހަރުކަމުގައި ބުންޏެވެ. މީހަކާ ނީންނަ ވާހަކައާއި، ދަރިއަކުވެސް ނެތްކަމަށް ބުންޏެވެ. އަދި މިއީ އޭނާގެ ފުރަތަމަ ފަހަރުކަމަށް، ވަރަށް ލަދުވެތި ގޮތެއްގައި ބުންޏެވެ. އަދި އެއީ މޯބައިލް ފޯނުގެ ޚިދުމަތްދޭ ވަރަށް ބޮޑު ކުންފުންޏެއްގެ އޯނަރެއްގެ ދަރިއެއްކަމާއި، 500 ޑޮލަރު ލިބޭނެ ކަމަށްވެސް ބުންޏެވެ.

ކޮންމެ އަކަސް އޭނާ އެބުނި ގަޑިއަށް އެތަނަށް ދިޔުމަށް އަހަރެން ތައްޔާރުވާން ފެށީމެވެ. އަދި އެހެން ރޭރެޔަށްވުރެ ފުރިހަމައަށް ފެންވަރާ ރީތި ވެލީމެވެ. އަދި އޭނާއަކީ މުއްސަންޖެއްކަން އެނގޭތީ، މޭކަޕަށް ވަރަށް ލޯބި ކުރާނޭކަން އެނގެއެވެ. އެހެންކަމުން، ވަރަށް ރަނގަޅަށް މޭކަޕް ކުރީމެވެ. ރޭނގަޑުގެ 10 ޖަހާނޭ ވަގުތަކަށް އިންތިޒާރުކުރަން ފެށީމެވެ. އޭނާ ބުނެފައިވަނީ 10:30 އަށް ހޮޓަލަށް ދިޔުމަށެވެ. 10 ޖެހުމާއިއެކު އަހަރެން ގެއިން ނިކުތީމެވެ. އަދި މަގުމަތިން ޓެކްސީއެއް ނެގީމެވެ. ޑުރައިވަރުގެ ގާތުގައި ހޮޓަލުގެ ނަން ބުނުމަށްފަހު އެހޮޓަލަށް ގެންގޮސް ދިނުމަށް ބެނެފީމެވެ.

ބަރާބަރު 10:20 އަހަރެންނަށް ހޮޓަލަށް ދެވުނެވެ. އަދި އޭނާބުނި ރޫމް ހުންނަ ފަންގިފިލާ އަހަރެން އެތަނުގެ ރިސެޕްޝަނިސްޓަކަށް އިން އަންހެން ކުއްޖާ އާއި ސުވާލު ކޮށްގެން ހޯދީމެވެ. އެއަށްފަހު އެކޮޓަރިއަށް ދިޔުމަށް އަވަސްވެ ގަތީމެވެ. އަހަރެންގެ ހިތް ބާރަށް ތެޅެންފެށިއެވެ. ހީވަނީ ވާންމިއުޅޭ ގޮތެއް ނޭނގިގެން އުޅެނީހެންނެވެ. އެހެންނެއް ނޫންތޯއެވެ؟ މިއީ އަހަރެންނަށް އާކަމެއްނޫނެވެ. އަދި މިފަދަ ހޮޓާތަކަށް އައުމަކީވެސް އަހަރެންނަށް އާކަމެއް ނޫނެވެ. ދެން އަހަރެންގެ ހިތް މޭގައި މަޑުން ނޯންނަން މިއުޅެނީ ކިހިނެއް ވެގެން ހެއްޔެވެ؟

ލިފްޓްގެ ތެރެއިން ނިކުމެ ހަތް ވަނަ ފަންގިފިލާގައިވާ 723 ނަންބަރު ކޮޓަރި ދޮރުމައްޗަށް ހުއްޓި ދޮރުގައި ޓަކިދިނީމެވެ. ޖަވާބެއް ނުލިބުނެވެ. ގަޑިބަލައިލީމެވެ. އަދި 10:28 ހިނގީއެވެ. އިރުކޮޅަކު މަޑުކޮށްލުމަށްފަހު 10:30 ހިނގުމާއެކު އަހަރެން އެދޮރުގާ ޓަކި ދިނީމެވެ. ދޮރުހުޅުވިއްޖެއެވެ. އަހަރެންނަށް ކުޑަކޮށް ފަހަތައް ޖެހެވުނެވެ. މޫނުމަތި އަލި ރީތި ރީތި ޒުވާނަކު ކޮޓަރި ތެރޭގައި އަހަރެންނާ ދިމާއަށް ހިނިތުންވެފައި އެބަހުއްޓެވެ. ބަލާބެލުމަށް އޭނާ އެބުނިގޮތަށް އޭނާގެ ފުރަތަމަ ފަހަރުހެންނެއް ހިޔެއް ނުވެއެވެ. ސަބަބަކީ، ޖެހިލުންވުމާ ލަދުވެތިވުމުގެ އެއްވެސް ސިފައެއް އޭނާގެ މޫނުމަތިން ފެންނާން ނެތީމައެވެ.

ކޮޓަރި ތެރެއަށް ވަނުމަށް އޭނާ ބުންޏެވެ. އަދި އެތާހުރި ކިންގް ސައިޒްގެ ބޮޑު އެނދުގައި އިށީނުމަށް ބުންޏެވެ. އަދި އޭނާ ފާހަނާއަށް ވަނެވެ. އަހަރެން ހިތަށް އަރަމުން ދިޔަ އެޒުވާނާގެ ރީތިކަމާ ދޭތެރޭގައެވެ. އެޒުވާނާގެ ބޭނުން އަހަރެންނަށް ރަނގަޅަށް ފުއްދާ ދެވިދާނެތޯ އަހަރެންގެ ހިތް އަހަރެންނާ ސުވާލުކުރަމުން ދިޔައެވެ. އޭނާ ފާހާނާއިން ނިކުމެއްޖެއެވެ. އަދި އަހަރެންނާ ދިމާއަށް މަޑުމަޑުން އައެވެ. އަދި އެނދުގެ ބޯލާކޮޅުގައިވާ މުޞައްލާއެއް ނެގިއެވެ. އަދި ބިންމަތީގައި ފަތުރާލިއެވެ. އޭނާ އިޝާރާތުން އެމުޞައްލާ މަތީގައި އިށީނުމަށް އެދުނެވެ. އަހަރެން މިވަނީ ކިހިނެއްކަން ނޭނގޭ ހާލު އެމުޞައްލާ މަތީގައި އިށީނދެއްޖާމެވެ.

އަދި އަހަރެންނަށް އަޑު އިވޭވަރަށް އޭނާ ޤުރުއާނުގެ އާޔަތްތައް ކިޔަވަން ފެށިއެވެ. އަދި އޭގެ މާނަ އަހަރެންނަށް ކިޔައިދޭން ފެށިއެވެ. އަންހެނުންގެ މާތްކަމުގެ ވާހަކައެވެ. އެކަލާނގެ ޙަޟްރަތުގައި އެކަނބަލުން ފިރިހެނުންނަށްވުރެ މާތްކުރެއްވި ވާހަކައެވެ. އެކަނބަލުންގެ ޒިންމާތަކުގެ ވާހަކައެވެ. އެކަނބަލުންގެ ފަރުޖުތައް ރައްކައުތެރިކުރުމުގެ ވާހަކައެވެ. އަދި އޭނާ ހަރުއަޑުން ނަރަކައިގެ ގަދަފަދަ އަޒާބުގެ ވާހަކަ އަހަރެންނަށް އެއްޗެހި ކިޔާ ބީދައިން ކިޔަން ފަށައިފިއެވެ. އަހަރެންގެ ލޮލުން ކަރުނަ އަންނަން ފެށިއެވެ. ރޮވެން ފެށުނެވެ. ހުއްޓާލުމަށް އޭނާގެ ކައިރީ ގައި އެދުނީމެވެ. ނަމަވެސް އޭނާ އިހުނަށްވުރެ ބާރަށް އެޔާތްތަކާއި، ޙަދީޘްތައް އަހަރެންނަށް ކިޔައިދޭން ފެށިއެވެ. އަހަރެންނަށް ގިސްލެވެން ފެށުނެވެ. ކުއްވެރިއެއް ފަދައިން އޭނާގެ ކުރިމަތީގައި އަހަރެން ރޯންފެށީމެވެ. ތަޢުބާވުމަށް ބޭނުންކަމުގައި ބުނަންފެށީމެވެ. ﷲ ގެ ނަން ދުލުކުރިން އެތައް ދުވަހަކަށްފަހު، އެތައް އަހަރަކަށްފަހު، ކިޔަން ފެށީމެވެ. އަދި އެންމެފަހުން އޭނާ އަހަރެންގެ ކޮނޑުގައި ހިފާ ނެގިއެވެ. އަދި އަހަރެންގެ އަތަށް ކޮތަޅެއް ދިނެވެ.

އަދި ފާހާނާއަށް ވަނުމަށް އެދުނެވެ. އަހަރެން އެކޮތަޅު ހިފައިގެން ފާހާނާއަށް ވަނީމެވެ. އަދި އެބަލައިލީމެވެ. އެއާއެކު އަހަރެންނަށް އަނެއްކާވެސް ރޮވެންފެށުނެވެ. މަޑުމަޑުން އޭގައިވާ ހެދުންނަގައި އަހަރެން އެހެދުން ލީމެވެ. (އެއީ ދިވެހިން މިކިޔާކަހަލަ ހައުސްކޯޓް ހެދުމެކެވެ.) އަދި އޭގައިވާ ބުރުގާ ނަގައި އަހަރެންގެ ރަންކުލައިގެ އިސްތަށިގަނޑު ފޮރުވާލީމެވެ. އަދި މަޑުމަޑުން ފާހާނާއިން ނިކުތީމެވެ. އެއާއެކު އަނެއްކާވެސް އަހަރެންނަށް ރޮވެން ފެށުނެވެ. އޭނާ އަހަރެންގެ ކައިރިއަށް އައެވެ. އަދި ބުންޏެވެ. އަހަރެން މިދޭފޮތްތައް ހިފައިގެން ދާށެވެ. މިއޮތީ ތިބާގެ އުޖޫރައެވެ. އޭނާ އަހަރެންގެ އަތަށް 100 ޑޮލަރުގެ 5 ނޫޓު ދިނެވެ. އަދި ފޮތްތަކެއްވެސް ދިނެވެ. އަހަރެން އެފޮތްތަކުގައި ހިފީމެވެ. އަދި އެކަރުދާހު ނޫޓު ތަކުގައިވެސް ހިފީމެވެ.

އަހަރެން ގެއަށް ދާން ހިނގައިގަތުމުން ބުންޏެވެ. މާދަމާރޭވެސް މިގަޑިއަށް ތިޔަ ހެދުމުގައި، ތިޔަފޮތްތައް ހިފައިގެން އަންނާށެވެ. ތިޔަފޮތްތަކުން ތިބާއަށް ފައިދާ އެއް ވާނޭކަމަށް އަހަރެން އުއްމީދުކުރަމެވެ. އަހަރެން އެފޮތްތަށް ކީމެވެ. ވުޟޫ ކުރުމަކީ ކޮބައިކަން އަހަރެންނަށް އެނގުނީ އަދިއެވެ. ހިނާއިގަންނާނޭ ގޮތްވެސް އެނގުނީ އަދިއެވެ. ނަމާދު ކުރަނީ ކީއްކުރަންކަމާއި، ނަމާދުގައި ކިޔާނޭ ތަސްބީހަތަކާއި، ޒިކުރުތައް އެނގެންފެށިއެވެ.

އަނެއްރޭވެސް އޭނާބުނިގޮތަށް އެގަޑިއަށް އޭނާގެ ކައިރިއަށް ދިޔައީމެވެ. އޭނާ ކަންތައްތައް ކުރީ އެހެންނެވެ. އޭނާ އަހަރެންގެ އަތަށް 100 ޑޮލަރުގެ 5 ނޫޓު ދިނެވެ. އެކަރުދާހު ނޫޓުތަކުގައިވެސް ހިފީމެވެ. އަދި ގެޔަށް ދިއުމަށްފަހު ފޮތްތަށް މުރާޖާ ކުރުމަށް ބުންޏެވެ. އޭނާ އެބުނިގޮތަށް އަހަރެން ކަންތައް ކުރީމެވެ. މިގޮތުގައި ދެހަފުތާ ފާއިތުވެ ދިޔަ އެވެ.

މިހާރު އަހަރެންނަކީ ބަރާބަރަށް ފަސްވަގުތު ނަމާދުކުރާ ޤުރުއާން ކިޔަވާ، އަންހެން ކުއްޖަކީމެވެ. އޭނާގެ ކައިރިން ސުވާލު ތަކުގެ ޖަވާބު އޮޅުން ފިލުވާ އަންހެން ކުއްޖެއް ކަމުގައި އަހަރެން ވެއްޖައީމެވެ. އެގޮތުގައި ދުވަސްތައް ހޭދަވަމުން ދިޔުމަށްފަހު އަހަރެން ފޮތްތަކުގެ ތެރޭގައި ހޭދަކުރި ދުވަހެއްގައި އެންމެ ހެޔޮ އަދި އެންމެ މާތް ކޮއްތަކީ، ތިމާކުރާ ޙަލާލު މަސައްކަތަކުން ހޯދާ ޙަލާލު ފައިސާއިން ގަންނަ ކެއުންކަމުގައި އަހަރެންނަށް އެނގިއްޖެއެވެ.

އެރޭވެސް އަހަރެން އޭނާގެ ކައިރިއަށް ދިޔައީމެވެ. މިރޭވެސް ދެގަޑިއިރުވަރު ހޭދަކުރުމަށްފަހު ގެޔަށްދާން ހިނގާގަތުމުން އަހަރެންނަށް ފައިސާ ދޭން އޭނާ ގޮވިއެވެ. އަހަރެންގެ އަތަށް އޭނާ 100 ޑޮލަރުގެ 5 ނޫޓު ދިނެވެ. އަހަރެން އޭގައި ހިފީމެވެ. އަދި އޭނާ އަތަށް އެފައިސާ އަނބުރާ ދިނީމެވެ. އަދި ބުނީމެވެ. އެންމެ ހެޔޮ އަދި އެންމެ މާތް ކޮއްތަކީ، ތިމާކުރާ ޙަލާލު މަސައްކަތަކުން ހޯދާ ޙަލާލު ފައިސާއިން ގަންނަ ކެއުމެކެވެ. ތިބާ ތިޔަ ކޮށްދޭ ޙަލާލުކަން ބޮޑު މަސައްކަތުގެ އުޖޫރަ އަހަރެން ތިބާއަށް ދިނީއެވެ. އޭނާ އެފައިސާގައި ހިފިއެވެ. އަދި ބުންޏެވެ. ތިބާ އަހަރެންނާ ކައިވެނިކުރާށެވެ. ހަމަކަށަވަރުން ވަފާތެރި ފިރިއެއް ކަމުގައި އަހަރެން ވާނަމެވެ. އަދި ތިބާ އަހަރެންނަށް ވަފާތެރި އަނތްބެއް ކަމުގައި ވާނޭކަމަށް އަހަރެން ޝައްކެއް ނުކުރަމެވެ. އަހަރެން އެކަން ޤަބޫލުކުރީ ހެޔޮހިތުންނެވެ. ﷲ އަހަރެންނަށް ތެދުމަގު ދެއްކެވީ އެޒުވާނާ މެދުވެރިކޮށެވެ. އޭނާފަދަ މާތް ފިރިހެނަކަށް ހުރިހާ ފިރިހެނުންވެސް ވާނެނަމައެވެ.

އިތުރަށް ވިދާޅުވޭ...

3.01.2012

އިސްލާމްދީނުގައި އަންހެނުންގެ ޙައްޤުތައް

ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ
އަންހެނުންނަކީ އިންސާނީ މުޖްތަމަޢުގެ އެއްބައެވެ. ދުނިޔެމަތީގައި އިންސާނުންގެ ދިރިއުޅުން ބިނާވެފައި ވަނީ ދުނިޔެ އާރާސްތު ކުރުމުގައި އަންހެނުންނާއި ފިރިހެނުން ހިއްސާވާގޮތުގެ މަތިންނެވެ. އެކަމަށްޓަކައިމާތް ﷲ ވަނީ ދެ ޖިންސުގެ މެދުގައި އެއްބަޔަކު އަނެއް ބަޔަކަށް އޯގާތެރިވުމާއި ލޯތްބާއި ކުލުނު ލައްވާފައެވެ. وَمِنْ آيَاتِهِ أَنْ خَلَقَ لَكُمْ مِنْ أَنفُسِكُمْ أَزْوَاجاً لِتَسْكُنُوا إِلَيْهَا وَجَعَلَ بَيْنَكُمْ مَوَدَّةً وَرَحْمَةً إِنَّ فِي ذَلِكَ لآيَاتٍ لِقَوْمٍ يَتَفَكَّرُونَ (21) (سورة الروم 21)

މާނައީ: ތިޔަބައިމީހުންގެ ތެރެއިން ތިޔަބައިމީހުންނަށްޓަކައި އަނބިން ހެއްދެވިކަމީ އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިން ހެއްކެކެވެ. އެއީ އެބައިމީހުންގެ ގާތުން ތިޔަބައިމީހުން ހިތްހަމަޖެހުން ލިބިގަތުމަށް ޓަކައެވެ. އަދި އެކަލާނގެ ތިޔަބައިމީހުންގެ މެދުގައި ލޯތްބާއި އޯގާތެރިކަން ލެއްވިއެވެ. ހަމަކަށަވަރުން ވިސްނާ ފިކުރުކުރާ ބަޔަކަށް މިކަމުގައި އެކަލާނގެ އެއްކައުވަންތަވެ ވޮޑިގެންވާކަމުގައްޔާއިކުޅަދުންވަންތަ ކަމުގެ ހެކިތައްވެއެވެ.

މާތްވެގެންވާ އިސްލާމްދީން ފާޅުވުމުގެ ކުރިން އަޚްލާޤީގޮތުން ވަރަށްވެސް ދަށް ފެންވަރަކަށް އިންސާނުން ވެއްޓިފައިވިއެވެ. ޖާހިލީ ޒަމާނުގައި އަންހެނުންނާ މެދު ވަރަށްވެސް އިހާނަތްތެރި ގޮތްތަށް މުޢާމަލާރުކުރެވިފައިވެއެވެ. އެބައިމީހުންގެ ހުރިހާ ޙައްޤުތައް ނިގުޅައިގަނެވިފައިވިއެވެ. ޢަރަބީންގެ ތެރެގައިވެސް އަދި އެ ނޫންވެސް މުޖްތަމަޢުތަކުގައިވެސް މިކަން ވަރަށް ދަށް ފެންވަރަކަށް ވެއްޓިފައިވިއެވެ.

އިސްލާމްދީނުގައި އަންހެނުންގެ ޙައްޤުތައް ނިގުޅައިގަނެވިފައިވާ ކަމަށް ބުނެ މިދުވަސްވަރުގައި ކުރެވޭ ދަޢުވާ އަކީ ބާޠިލް ދަޢުވާއެކެވެ. އެހެނި އަންހެނުންގެ ގެއްލިފައިވާ ޙައްޤުތައް އެބައިމީހުންނަށް އެންމެ ފުރަތަމަ ހޯދައިދިނީ އިސްލާމްދީނެވެ. އިސްލާމްދީން ވަނީ އެންމެހާ މީސްތަކުން އުފައްދަވާފައިވަނީ، އަންހެނަކާއި ފިރހެނަކުގެ ދެމެދުންކަން، ހާމަކޮށްދީފައެވެ.

يَا أَيُّهَا النَّاسُ إِنَّا خَلَقْنَاكُمْ مِنْ ذَكَرٍ وَأُنثَى (سورة الحجرات 13) މާނައީ: އޭއީމާންވެއްޖެ މީސްތަކުންނޭވެ! ހަމަކަށަވަރުން ތިމަން ﷲ އަންހެނަކާއި ފިރިހެނެއްގެ ދެމެދުން ތިޔަބައިމީހުން އުފެއްދެވީމެވެ.

އަންހެން ކުއްޖަކު އުފަންވެއްޖެނަމަ އެކުއްޖާއާމެދު ޖާހިލީ ޒަމާނުގައި އަމަލު ކުރެވެމުން އައި ގޮތާއި މިކަމުގެ ހުރި ނުބައިކަން ހާމަކުރައްވާ މާތްﷲ ވަޙި ކުރައްވާފައިވެއެވެ.
وَإِذَا بُشِّرَ أَحَدُهُمْ بِالأُنثَى ظَلَّ وَجْهُهُ مُسْوَدّاً وَهُوَ كَظِيمٌ (58) يَتَوَارَى مِنْ الْقَوْمِ مِنْ سُوءِ مَا بُشِّرَ بِهِ أَيُمْسِكُهُ عَلَى هُونٍ أَمْ يَدُسُّهُ فِي التُّرَابِ أَلا سَاءَ مَا يَحْكُمُونَ (59) (سورة النحل 58,59) މާނައީ: އެއިން މީހަކަށް އަންހެން ދަރިއެއް ލިބިއްޖެކަމުގެ ޚަބަރު ދެވިއްޖެނަމަ އެކަމާ ދެރަވެ ހިތާމަކުރާ ޙާލު އެމީހެއްގެ މޫނު އަނދިރިވެގެން ދެއެވެ. އަދި މި ލިބުނު ހަބަރަކީ ތިމާއަށް ހުރި ނުބައި ކަމެއްގެ ޚަބަރެއް ކަމުގައި ބަލާމީސްތަކުންނާ އެކަހެރިވެގަނެއެވެ. ދެންއެކުއްޖާ ނިކަމެތި ކޮށްފައި ބަހައްޓާފާނެއެވެ. ނޫންނަމަ ދިރިހުއްޓާ ވަޅުލައި މަރާލާފާނެއެވެ. ދަންނާށެވެ. އެބައިމީހުންގެ މި ނިންމުން ހާދަހާވާ ނުބައި ވެގެންވެއެވެ.

އިސްލާމްދީން އައުމުގެ ކުރިން އަންހެނުންނާއިމެދު އަމަލު ކުރެވެމުން އައިސްފައިވަނީ މި ފަދަ ގޮތަކަށެވެ. އަންހެންކުއްޖަކު ލިބިއްޖެނަމަ އެބައިމީހުން ދެކެނީ އެއީ ތިމާއަށް ލިބުނު ހުތުރު ކަމެއްކަމުގައެވެ. އެހެންވެ މީސްތަކުންގެ ކުރިމައްޗަށް ނުކުންނަންވެސް ލަދުން ދިރިހުއްޓާ އެކުއްޖާ ވަޅުލާ މަރާލަނީއެވެ. ނޫންނަމަ މަރާނުލައީ އެހެން ނަމަވެސް އިހާނަތްތެރި ކޮށްފައި ބަހައްޓައެވެ. ހަމަ އެފަދައިން ޖާހިލީ ޒަމާނުގައި މީހަކު މަރުވެއްޖެނަމަ އޭނާގެ ހުވަފަތް އަނބިމީހާ މުދާ ވާރުތަވާހެން ވާރުތަވެއެވެ. ފިރިމީހާގެ ގާތްތިމާގެ މީހުން، އަނބިމީހާގެ މައްޗަށް ގަދަވެގަނެއެވެ.

މިކަން ޙަރާމް ކުރައްވަމުން މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. يَا أَيُّهَا الَّذِينَ آمَنُوا لا يَحِلُّ لَكُمْ أَنْ تَرِثُوا النِّسَاءَ كَرْهاً (سورة النساء 19) މާނައީ: އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަ ބައިމީހުންގެ ތެރެއިން މީހަކު މަރުވުމުން އޭނާގެ ހުވަފަތް އަންހެނުންގެ މައްޗަށް ވާރުތަ މުދަލަށް ވެރިވާ ފަދައިން ވެރިވެގަތުމުން ވެރިވެގަތުން ތިޔަބައިމިހުންނަށް ހުއްދަވެގެން ނުވެއެވެ.

އިސްލާމްދީން ވަނީ މި ހުރިހާ އާދަކާދަތައް ނައްތާލާފައެވެ. އަންހެނުންނަށް ލިބެން ޖެހޭ ހުރިހާ ޙައްޤުތަކެއް ފުރިހަމައަށް ހޯދާދީފައެވެ. މީހަކު މަރުވިޔަސް އޭނާގެ ހުވަފަތްވެފައިވާ އަނބިމީހާ4 މަހާއި 10 ދުވަސް ވަންދެން ފިރިމީހާގެ ގޭގައި ޢިއްދަ ހަމަކުރުމަށް އަންގަވާފައިވެއެވެ. އޭގެ ފަހުގައި އެހެން މީހަކާއި ކައިވެނި ކުރަން ބޭނުން ވެއްޖެނަމަ އެކަން ކުރުމުގެ އިޚްތިޔާރު އޭނާއަށް ލިބިގެންވެއެވެ. ފިރިމީހާގެ އާއިލާގެ މީހުންނަށް އޭނާގެ މައްޗަށް އެއްވެސް ބާރެއް ފޯރުވޭކަށް ނޯންނާނެކަންވެސް ވަނީ އަންގަވާފައެވެ. ހަމައެފަދައިން އެބައިމީހުންގެ މެދުގައި ތަރިކަ މުދަލުގައިވެސް އަންހެނުންނަށް އެއްވެސް ޙައްޤެއް ނޯވެއެވެ. އެބައިމީހުން ދެކެމުން އައިސްފައިވަނީ ތަރިކަ މުދާ ލިބޭނީ ހަނގުރާމަކުރާ ވެރި ފަހުލަވާނުންނަށް އެކަނި ކަމަށެވެ.

ނަމަވެސް ތަރިކަ މުދަލުންވެސް ފިރިހެނުންނެކޭ އެއްފަދައިން އަންހެނުންނަސް ޙިއްސާ ލިބިގެންވާކަން އިސްލާމްދީން އަންގަވާފައިވެއެވެ. މިކަން ބަޔާން ކުރައްވާ ﷲ ވަޙީ ކުރައްވާފައިވެއެވެ. يُوصِيكُمْ اللَّهُ فِي أَوْلادِكُمْ لِلذَّكَرِ مِثْلُ حَظِّ الأُنثَيَيْنِ (سورة النساء 11 ) މާނައީ: ތަރިކަ މުދަލުން ތިޔަބައިމީހުންގެ ދަރިންނަށް އަންހެންދަރިއަކަށް ލިބޭ އެއްޗެއްގެ ދެގުނަ ފިރިހެން ދަރިއަކަށް ދިނުމަށް ﷲ ތިޔަބައިމީހުންނަށް އަމުރު ކުރައްވައެވެ.

ތަރިކަ މުދަލުން އަންހެނުންނަށް ލިބޭ ވަރަށްވުރެ ދެގުނަ ފިރިހެނަކަށް ދީފައިވުމަކީ އެއްވެސް ޙާލެއްގައި އިސްލާމީ ޝަރީއަތުގައި އަންހެނުންނަށް ބޭއިންސާފުވެފައިވަނީ އެއްނޫނެވެ. މާތް ﷲ އެއްވެސް މީހަކަށް އަނިޔާވެރިވެ ވޮޑިނުގަންނަވައެވެ. އަދި އެއްވެސް ޙާލެއްގައި ބޭއިންސާފު ޙުކުމެއް ކުރައްވާފައި ނުވެއެވެ. إِنَّ اللَّهَ لا يَظْلِمُ مِثْقَالَ ذَرَّةٍ (سورة النساء 40) މާނައީ: ހަމަކަށަވަރުން ޒައްރެއްގެ މިންވަރުވެސް ﷲ އަނިޔާވެރިވެ ވޮޑިނުގަންނަވައެވެ. وَأَنَّ اللَّهَ لَيْسَ بِظَلاَّمٍ لِلْعَبِيدِ (سورة الأنفال 51) މާނައީ: ހަމަކަށަވަރުން ﷲ އެކަލާނގެ އަޅުންނަށް އަނިޔާވެރިވެ ވޮޑި ނުގަންނަވައެވެ.

ތަރިކަ މުދާ ބެހުމުގައި އިސްލާމްދީނުގައި އަންހެނަކަށް ލިބޭ ވަރުގެ ދެގުނަ ފިރިހެނުންނަށް ދީފައިވަނީ ސަބަބެއް ނެތިއެއްނޫނެވެ. ކީރިތި ޤުރުއާންގައި އެކަން ބަޔާން ކުރައްވާފައިވެއެވެ. الرِّجَالُ قَوَّامُونَ عَلَى النِّسَاءِ بِمَا فَضَّلَ اللَّهُ بَعْضَهُمْ عَلَى بَعْضٍ وَبِمَا أَنفَقُوا مِنْ أَمْوَالِهِمْ (سورة النساء 34)
މާނައީ: ފިރިހެނުން ނަކީ އަންހެނުން ބަލައި ތަރުބިއްޔަތު ކުރުމުގެ ޙައްޤާއި ބާރު ލިބިގެންވާބައެކެވެ. އެދެބައިމީހުން އެއްބަޔަކު އަނެއް ބައެއްގެ މައްޗަށް ﷲ މާތް ކުރައްވާ އިތުރު ކުރައްވާފައިވާ ކަމަށްޓަކައެވެ. އަދި ފިރިހެނުން އެބައިމީހުންގެ މުދަލުން ހޭދަކުރާކަމަށްޓަކައެވެ.
އަންހެނުންގެ މައްޗަށް ފިރިހެނުންނަށް ލިބިގެންވާ ބާރަކީ އެއްވެސް ޙާލެއްގައި އަންހެނުން އަޅުވެތި ކުރުމުގެ ބާރެއް ނޫނެވެ. އެއީ ތިމާގެ ބެލުމުގެ ދަށުގައިވާ އަންހެނުން ރަގަޅުގޮތުގައި ބަލާ ތަރުބިއްޔަތުކޮށް އެބައިމީހުންނަށް ބޭނުންވާ ކަންތައްތައް ފުއްދައިދީ ބެލެހެއްޓުމުގެ ބާރެވެ. އަދި އަނބިމީހާއަށް ކުރަން ޖެހޭ އެންމެހާ ޚަރަދުތަކެއްކޮށް ބެލެހެއްޓުމުގެ ބާރުވެސްމެއެވެ.

وَبِمَا أَنفَقُوا مِنْ أَمْوَالِهِمْ މިފަދައިން ވަޙީކުރައްވާފައި އެވަނީ މިކަމަށް އިޝާރާތް ކުރައްވަމުންނެވެ. ދެމަފިރިންކުރެ، ފިރިމީހާއަށްވުރެ އަންހެންމީހާގެ ތަނަވަސްކަން ބޮޑު ނަމަވެސް ފިރިމީހާއަށާއި ދަރިންނަށް ޚަރަދުކުރުން އަންހެންމީހާގެ މައްޗަށް ވާޖިބުވެގެންނެއް ނުވެއެވެ. ގޭގައި ކުރަންޖެހޭ ޚަރަދު ކުރުމުގައި ހެޔޮހިތުން އަންހެންމީހާ ޙިއްސާވުމަކީ އެއީ ވަކި ކަމެކެވެ. ނަމަވެސް އެޚަރަދުތައް ކުރުމީ ފިރިމީހާގެ މައްޗަށް އޮތް ވާޖިބުކަމެކެވެ.

އެހެންކަމުން އިސްލާމީ ނަޒަރަކުން ބަލާއިރު ކޮންމެފަދަ ޙާލެއްގައިވިޔަސް ކޮންމެ އަންހެނަކުވެސް ވާންޖެހެނީ ކޮންމެވެސް ފިރިހެނެއްގެ ބަލަދުވެރިކަމުގައި ހުންނަ މީހަކަށެވެ. އެހެނީ ކޮންމެ އަންހެނަކީވެސް ކޮންވެސް ފިރިހެނެއްގެ އަންބެކެވެ. ނޫންނަމަ ދަރިއެކެވެ. ނޫންނަމަ ކޮއްކޮއެއް ނުވަތަ ދައްތައެކެވެ. ނޫންނަމަ މަންމައެކެވެ. މިއިން ކޮންމެ ޙާލެއްގައިވިޔަސް ފިރިމީހާ ނުވަތަ ބައްޕަ ނުވަތަ ބޭބެގެ ނުވަތަ ދަރިފުޅުގެ މައްޗަށް އޭނާގެ ބަލަދުވެރިކަމުގެ ދަށުގައިވާ އަންހެންމީހާއަށް ޚަރަދުކޮށް ބެލެހެއްޓުން ވާޖިބު ވެގެންވެއެވެ. ތަރިކަ މުދަލުން އަންހެނުންނަށް ވުރެ ދެގުނަ ފިރިހެނުންނަށް އިސްލާމް ދީނުގައި ދީފައިވަނީ މި ސަބަބުތަކަށް ޓަކައެވެ.

އާދޭހެވެ. އޭގެ ސަބަބަކީ އެއްވެސް ޙާލެއްގައި އާމްދަނީ ހޯދުމުގައި އަންހެނުންގެ ޙިއްސާ ނުވާތީއެއްނޫނެވެ. ތަރިކަ މުދަލުގައި ދެޖިންސް ހަމަހަމަ ނުވަނީ އެޒަމާނުގައި އަންހެނުން އާމްދަނީ ހޯދަން އަންހެނުން މަސައްކަތް ނުކުރާތީއޭ ބުނެވޭނީ އެހެން ނަމަތާއެވެ. މިޒަމާނުގައި އާމްދަނި ހޯދަން އަންހެނުން މަސައްކަތް ކުރާ ފަދައިން އެދުވަސްވަރުގައިވެސް އަންހެނުންގެ ތެރޭގައި އާމްދަނީ ހޯދުމަށް މަސައްކަތް ކުރި މީހުންވެސް އުޅެއެވެ.

އާދޭހެވެ. އަންހެނުނަކީ އުފެދުމުގައިވެސް ފިޠުރީގޮތުންވެސް ފިރިހެނުންނާ ތަފާތު ގޮތްތަކެއް އެބައިމީހުންގެ ކިބައިގައި ލައްވާފައިވަ ބަޔަކަށް ވީތީވެ އިސްލާމްދީނުގައި މިކަންކަމަށް ވަރަށް ބޮޑަށް ރިޢާޔަތްކޮށްފައިވެއެވެ. މިގޮތުން ބަލާއިރު ދީނީގޮތުން އަދާކުރަންޖެހޭ ބައެއް ވާޖިބުތައް އަންހެނުންނަށް ލުއިކޮށްދީފައިވެއެވެ. އަދި ކީއްތޯއެވެ. އަންހެނުންނާ މެދު އޯގާތެރިކޮށް ހިތުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށްވެސް ގޮވާލާފައިވެއެވެ. މާތްﷲ ވަޙީ ކުރައްވާފައިއެވެ. وَعَاشِرُوهُنَّ بِالْمَعْرُوفِ (سورة النساء 19) މާނައީ: "ތިޔަބައިމީހުން ތިޔަބައިމީހުންގެ އަބީންނަށް އޯގާތެރިވެ ހެޔޮކޮށް ހިތާށެވެ". މި މާނަ އިތުރަށް ކަށަވަރު ކޮށްދެއްވަމުން މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. ‏ ‏"إِنَّ أَكْمَلَ المؤمِنينَ إيمانًا أَحْسَنُهُم خُلقًا وَأَلطَفُهُم بأِهلِه ِ‏" (مسند أحمد) މާނައީ: މުއުމިނުންގެ ތެރެއިން އީމާންކަން އެންމެ ފުރިހަމަވެގެންވާ ބަޔަކުކަން ކަށަވަރީ، އެބައިމީހުންގެ ތެރެއިން އެންމެ އަޚްލާޤު ރަގަޅު އަދި އެބައެއްގެ އަނބިންނަށް އެންމެ އޯގާތެރި ބައެކެވެ. އެހެން ޙަދީޘެއްގައި ވެއެވެ. عن أم المؤمنين عائشة -رضي الله تعالى عنها- قالت: قال رسول الله صلى الله عليه وسلم: "خَيْرُكُمْ خَيْرُكُمْ لِأَهْلِهِ وَأَنَا خَيْرُكُمْ لِأَهْلِي" (الترمذي) މާނައީ: "ތިޔަބައިމީހުންގެ ތެރެއިން އެންމެ ހެޔޮ މީހަކީ އަނބީންނަށް ހެޔޮ މީހާއެވެ. ތިމަންކަލޭގެފާނަކީ ތިޔަބައިމީހުންކުރެ އަނބީންނަށް އެންމެ ހެޔޮ މީހާ އެވެ".
އާދޭހެވެ. ފިޠުރީގޮތުން އަންހެނުންނާއި ފިރިހެނުންގެ ދެމެދުގައި ތަފާތުތަކެއް ލައްވާފައިވީ ނަމަވެސް ހެޔޮ ޢަމަލު ކުރުމުގެ މައިދާނުގައި ދެ ޖިންސްގެ ދެމެދުގައި އެއްވެސް ތަފާތެއް ލައްވާފައި ނުވެއެވެ. فَاسْتَجَابَ لَهُمْ رَبُّهُمْ أَنِّي لا أُضِيعُ عَمَلَ عَامِلٍ مِنْكُمْ مِنْ ذَكَرٍ أَوْ أُنْثَى بَعْضُكُمْ مِنْ بَعْضٍ (سورة آل عمران 195) މާނައީ: ފަހެ އެބައިމީހުންގެ ވެރި ރަސްކަލާނގެ އެބައިމީހުންގެ ދުޢާ އިޖާބަ ކުރައްވައިފިއެވެ. ހަމަކަށަވަރުން ތިޔަބައިމީހުންގެ ތެރެއިން ފިރިހެނަކު ވިޔަސް އަންހެނަކު ވިޔަސް އެމީހަކު ކުރާ ހެޔޮކަމެއް ތިމަން ﷲ އެއަށް ޘަވާބު ނުދެއްވައި ދޫކޮށެއް ނުލައްވާހުށިކަމެވެ. އަންހެނުންވިޔަސް ފިރިހެނުންވިޔަސް ތިޔަބައިމިހުން އެންމެންނީ ދީނުގައި އަޚުވަންތަ ބައެކެވެ.

ހަމަ އެފަދައިން ޢުޤޫބާތް ދިނުމުގައިވެސް ފިރހެނުންނެކޭ އެއްފަދައިން އަންހެނުންނަށް އުޤޫބާތް ދެވެއެވެ. މާތް ﷲ ވަޙީ ކުރައްވައެވެ. وَالسَّارِقُ وَالسَّارِقَةُ فَاقْطَعُوا أَيْدِيَهُمَا (سورة المائدة 38) މާނައީ: "ވައްކަންކުރާ ފިރިހެނާއި ވައްކަންކުރާ އަންހެނާގެ އަތް ކަނޑާށެވެ." އަދިވެސް ވަޙީ ކުރައްވައެވެ. الزَّانِيَةُ وَالزَّانِي فَاجْلِدُوا كُلَّ وَاحِدٍ مِنْهُمَا مِائَةَ جَلْدَةٍ (سورة النــور2) މާނައީ: ޒިނޭކުރާ އަންހެނާއާއި ޒިނޭކުރާ ފިރިހެނާގެ ގައިގައި ސަތޭކަ އެތިފަހަރުން ހައްދު ޖަހާށެވެ.

އިސްވެދިޔަ އާޔަތުން އަޅުގަނޑުމެންނަށް އެގެނީ ހުރިހާ ކަމަކުން ދެ ޖިންސު އެއްވެސް ޙާލެއްގައި ހަމަހަމަވެގެންނުވާކަމެވެ. އިންސާނުން އުފެދުމުގައިވެސް މާތް ﷲ ވަނީ ދެޖިންސްގެ މެދުގައި ތަފާތު ކަމެއް ލައްވަވާފައެވެ. ބަލިވެ އިނުމާއި ވިހެއުމާއި މިކަންކަމީ އަންހެން ޖިންސުގައި ލައްވާފައިވަ ކަންތައްތަކެވެ. ހަމައެފަދައިން ދަރިން ގެންގުޅެ ބޮޑުކުރުމުގެ މަސްއޫލިއްޔަތުގެ ބޮޑުބައެއް އަދާކުރަނީ އަންހެނުން ކަމުން އެކަނބަލުންގެ ހިތުގައި ޙާއްޞަ އޯގާތެރިކަމާއި ހަމްދަރުދީވުން ލައްވާފައިވެއެވެ. އަދި ދަރިން ގެންގުޅެ ބޮޑުކުރުމުގައި ކުރިމަތިލާން ޖެހޭ ދަތިތަކާއި ވޭންތަކަކީވެސް ތިމާއަށް ލިބޭ އުފަލަކާއި ހިތްހަމަ ޖެހުމެއްކަމަށް ބަލައިގަތުމުގެ ޝުޢޫރުވެސް އަންހެނުންގެ ނަފްސުގައި މާތްﷲ ވަނީ ލައްވަވާފައެވެ.

އެހެންވެ އިސްލާމްދީނުގައި އަންހެނުންގެ މައިގަނޑު ވަޒީފާއެއްކަމަށް ކަނޑައަޅުއްވާފައިވަނީވެސް ފިރިމީހާގެ ގޭގެތެރެ ކަންތައްތައް ރާވާ ހިންގާ އިންތިޒާމްކޮށް ބެލެހެއްޓުމެވެ. މިއަށް އިޝާރާތް ކުރައްވަމުން މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. "والمرأة راعية في بيت زوجها, ومسؤولة عن رعيتها" (متفق عليه) މާނައީ: "އަދި އަންހެނާއީ އޭނާގެ ފިރިމީހާގެ ގޭގެ ކަންތައްބަލަހައްޓާ މީހާއެވެ. އަދި އޭނާގެ މިމަސްއޫލިއްޔަތާމެދު އޭނާއާ ސުވާލު ކުރެވޭނެއެވެ". ވީމާ، ތިމާގެ އަޞްލު ވަޒީފާއާމެދު ފަރުވާ ކުޑަކޮށްލާ އެހެން ދިމާލަކަށް ހިނގައްޖެނަމަ އޮންނާނީ ތިމާ އަދާކުރަންޖެހޭ އަޞްލު މަސްއޫލިއްޔަތު ބޮއްސުން ލައިގެން ގޮސްފައެވެ. އަންހެނުން ވަޒީފާ އަދާކުރުމަކީ ނެތް ކަމެކޭ އަޅުގަނޑު ނުދަންނަވަމެވެ. ނަމަވެސް އެހެން ވަޒީފާއަކަށް ނުކުތުމުން ތިމާ އަދާ ކުރަންޖެހޭ އަޞްލު ވަޒީފާއަސް ފަރުވާކުޑަ ކޮށްލެވޭނަމަ އެއީ އެއާމެދު ސުވާލު ކުރެވޭނެ ކަމެކެވެ.

ދެޖިންސްގެ ހަމަހަމަ ކަމަށް ގޮވާލާ 2005 ވަނަ އަހަރު އެމެރިކާގައި އަންހެނަކު އިމާމްވެ ހުކުރު ނަމާދު ކުރި ވާހަކައަށް މިދަނޑިވަޅުގައި އިޝާރާތް ކޮށްލާހިތްވެއެވެ. މިކަމުގައި ދަންނަވާލަން ބޭނުންވަނީ ނަމާދަކީ އަޅުކަމެއްކަމާއި އަޅުކަން ކުރަންވީ ގޮތް ޝަރީޢަތުގައި ކަނޑައަޅުއްވާފައިވާކަމެވެ. އެއީ އެއްވެސް މީހަކަށް ހިތު ހުރިހާ ގޮތަކަށް ކުރެވޭނެ ކަމެއް ނޫނެވެ. މިސާލަކށް ޘަވާބު އިތުރުކުރާށޭ ކިޔާފައި މީހަކު މަޣްރިބު ނަމާދުގައި ހަތަރު ރަކްޢަތް ކޮށްފިނަމަ އެމީހެއްގެ ނަމާދު ޞައްޙަވާނެތޯއެވެ؟ ޢިބާދާތުގެ ކަންތައްތަކަކީ ނުވަތަ އަޅުކަމުގެ ކަންތައްތަކަކީ ތަވްޤީފީކަންތައްތަކެވެ. އޭގެ މާނައަކީ ޝަރުޢުގައި އަކަން ކުރަން ކަނޑައަޅުއްވާފައިވާގޮތަށް މެނުވީ ކުރުން ހުއްދަވެގެންނުވާ ކަންތައްތަކެވެ.

ވީމާ އަންހެނެއްގެ ފަހަތުގައި ފިރިހެނުން މައުމޫމްވެ ހުރެ ނަމާދުކޮށްފިނަމަ އެ ފިރިހެނުންގެ ނަމާދު ޞައްޙައެއް ނުވާނެއެވެ.

ހުޅަނގުގެ ދުނިޔޭގައި ދެޖިންސުގެ ހަމަހަމަކަމަށް ގޮވާލާ ގޮވާލުމަކަށް އަޅުގަނޑުމެން މުސްލިމުން ބަލާކަށް ނުޖެހެއެވެ. ހުޅަނގުގައި އަންހެނުންގެ ޙައްޤުތައް ގެއްލިފައިވީ ނަމަވެސް އިސްލާމްދީނުގައި އަންހެނުންގެ ޙައްޤުތަކެއް ގެއްލިފައެއްނުވެއެވެ.

އިތުރަށް ވިދާޅުވޭ...